ޒުވާނުންގެ މުޒާހަރާގެ އަޑުއައްސަވާ ރައީސް ފެއްޓެވި މަސައްކަތް ބަލައިގަންނަ ކަމަށް މާލޭގައި މިހާރު ކުރަމުން އަންނަ ސިލްސިލާ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނުން ބުނެފިއެވެ.
މާލޭގައި ޒުވާނުން މިހާރު ކުރަމުން އަންނަ މުޒާހަރާއާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ދަ ޔުނައިޓެޑް ޔޫތު އޮފް ދަ ނޭޝަންއިންވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. މިބައްދަލުވުމުގައި މައުލޫމާތު ދިނީ މިމުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ދެޒުވާނުން ކަމަށްވާ އަހުމަދު އަޝްފާޤުއާއި އާމިނަތު ޒާނާ އަހުމަދެވެ.
ސަމަރބީޗްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އަހުމަދު އަޝްފާޤު ބުނީ
ޒުވާނުން އެއްވުމުގެ މައިގނަޑު މަޤްސަދަކީ މިމަހުގެ 18ވަނަ ދުވަހު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ކުއްޖާއަށް އިންސާފް ހޯދާދިނުންކަމަށެވެ. އަދި އެމީހުންނަކީ ވަކިހިސާބަކަށް ވަކި ޕާޓީއަކަށް ނިސްބަތްވާ ބައެއް ނޫންކަމަށާއި، އެއީ އިންސާފަށް ލޯބިކުރާ ހަރުދަނާ ޤައުމެއް ހިންގުމަށް ހަވާލުވެފައި ތިބި ޒުވާނުންތަކެއް ކަމަށެވެ.
"މިހަރަކާތް ފެށިގެން އައި ދުވަހުން ފެށިގެންވެސް މިއަށް ސިޔާސީ ނުފޫޒް ފޯރުވުމުގެ ގޮތުން މަސައްކަތް ފަށާފައިވޭ. ނަމަވެސް މިކަމަކީ ސިޔާސީ މައްސަލައެއް ނޫންކަމަށާއި، މިއީ އަދުލު އިންސާފް ޤާއިމްކޮށް އެންމެންނަށް އެއް ޤާނޫނެއް ތަންފީޒުކުރުމަށް ކުރާ މަސައްކަތެއް" އަޝްފާޤު ބުންޏެވެ.
އަޝްފާޤު ބުނީ ޒަމާނުއްސުރެންވެސް ޒުވާނުން ފެއިލްވެފައިވާ ނިޒާމެއް ބަލައިނުގަންނަކަމަށެވެ. އަދި އެމީހުން އެދެނީ ޤައުމު އިސްލާހްކޮށް ސުލޫކީ މިންގަނޑުތަކަށް ޤައުމު ފެއްތުންކަމަށްވެސް އޭނާ ބުންޏެވެ. އަދި ސްކޫލްތަކާއި މުޖްތަމަޢުގައި ދިމާވެފައިވާ މަސްތުވާތަކެތީގެ ވަބާގައި ޖެހި ޒުވާނުންވަނީ ހަލާކުގެ ތެރެއަށް ވެއްޓިފައި ކަމަށާއި، އެދެނީ މިވަބާއިން ޒުވާނުން ސަލާމަތްކޮށް ރަނގަޅުގޮތް މަގުދައްކައި ރަނގަޅު ފަރުވާއެއް ލިބޭނެ މަގުފަހިކޮށްދިނުންކަމަށެވެ. އަދި ބޭނުންވަނީ އަންނަން އޮތް ޖީލަށް އިންސާފް ޤާއިމްވެފައި އޮތުންކަމަށްވެސް އަޝްފާގު ބުންޏެވެ.
އަޝްފާޤު ބުނީ ޒުވާނުންކުރާ މިއިހްތިޖާޖުގެ އެއްވެސް އެއްވުމެއްގައި މެއި ޑޭއާ ގުޅޭނެ އެއްވެސްކަމެއް ނުކުރާނެކަމަށެވެ. އަދި ފާއިތުވެދިޔަ 6 ދުވަހު ކުރި މުޒާހަރާގައި ޒުވާނުންގެ އަޑުއައްސަވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފެއްޓެވި މަސައްކަތް ބަލައިގަންނަކަމަށް އޭނާ ބުންޏެވެ.
އަޝްފާޤުބުނީ މީގެ ކުރިންވެސް ސަރުކާރުން ޒުވާނުންނަށް ކޮށްދިން ރަނގަޅުކަންތައްތައް ބަލައިގަންނަކަމަށެވެ.
މިއިޙްތިޖާޖުގެ ސަބަބުން ވިޔަފާރިތަކަށް ބުރުއަރާ އާންމުންނަށް އުނދަގޫވާކަން ފާހަގަކޮށް މިކަންކަމަށް ހުރިހާ އެންމެންގެ ފަރާތުން އަޝްފާގުވަނީ މަޢާފަށް އެދިފައެވެ.