ޚަބަރު

''މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ"އަށް ކުރިމަތިލުމުގެ ފުރުޞަތު


''މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ" އަށް ކުރިމަތިލުމުގެ ފުރުޞަތު ދައުލަތުގެ އިދާރާތަކަށް ހުޅުވާލައްވައިފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރ އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ އިދާރާތަކުގެ އަމިއްލަ އިސްނެގުމުގެ މަތީން އާންމުކުރަންޖެހޭ މަޢުލޫމާތު ވީހާވެސް ބޮޑަށް އާއްމުކުރަން ހިތްވަރު ދެއްވުމުގެ ގޮތުން ބަލަހައްޓަންޖެހޭ މަޢުލޫމާތު ބެލެހެއްޓުމަށް ހިތްވަރުދިނުމުގެ ގޮތުން އުސޫލެއް ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން "މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ" ހޮވާނީ އެކަމަށް އެދި ހުށަހަޅާ އިދާރާތަކުގެ ތެރެއިން ކަމަށްވިޔަސް މައުލޫމާތު ހާމަކުރުމުގެ މިންވަރަށް ބަލާ ދައުލަތުގެ އިދާރާތައް ގިންތިކުރާނީ އެ އޮފީހުން ކަމަށެވެ. އަދި މިކަމަށް ކުރިމަތިލުމުގެ ފުރުޞަރު މިއަދުން ފެށިގެން ދައުލަތުގެ އިދާރާތަކަށް ހުޅުވާލައްވާފައިވާ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވީ، ރަންވަނަ ހާސިލްކުރާ އިދާރާއެއް ހާމަކުރެއްވުން ފުރަތަމަ އޮންނާނީ އަންނަ އަހަރު ފާހަގަކުރާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ހަފްލާގައި ކަމަށެވެ. އަދި ދައުލަތުގެ އިދާރާތައް ދަރަޖަކުރެއްވުމުގައި ބައްލަވާނެ މިންގަނޑުތަކާއި، މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ ހޮވުމުގައި ބަލާނެ މިންގަނޑުތަކުގެ އުޞޫލު ސަރުކާރުގެ ގެޒެޓުގައި ހާމަކޮށްފައިވާނެކަމަށްވެސް އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ވިދާޅުވިއެވެ.