ފުޓްބޯޅަ ކުރިއަރަން ފެށުމުން ކުލަބުތަކާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށްވެސް ފައިސާ ވަދެ ކުރިއަށް ދެވޭނެ ކަމަށާއި، ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ މުބާރާތްތައް ނުބޭއްވި ދިގުދެމިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.
"ޕީއެސްއެމް ނިއުސް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މުބީން ވިދާޅުވީ ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައި، ކުޅިވަރު ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށާއި، މި ޚިޔާލު އުފެދިގެން އަންނަނީ ރައީސްގެ ލަފާފުޅާއި އިރުޝާދާ އެއްގޮތަށް ކަމަށެވެ.
"ވަރަށް ބޮޑަށް ރައީސުލްޖުމްހޫރިއްޔާ އެބަ ބޭނުންވެލައްވާ ފުޓްބޯޅަ ކުރިއަރަން، ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއަރާދާން. އެ އަޒުމުގައި އެ ވިސްނުމުގައި އެމަނިކުފާނުގެ ލަފާފުޅާއި އިރުޝާދާ އެއްކޮށް އަޅުގަނޑުމެންގެ މި ޚިޔާލު މި އުފެދިގެންދަނީ."
އެހެންކަމުން ކުރީގެ ނިއު ރޭޑިއަންޓުން ޓީމެއްގެ ގޮތުގައި އަލުން ނުކުތީ އެ އުއްމީދުގައި ކަމަށާއި، މަސައްކަތް ކުރާނީވެސް ފުޓްބޯޅަ ކުރިއެރުވުމުގެ އަޒުމުގައި ކަމަށް މުބީން ވިދާޅުވިއެވެ.
މުބީން ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ފުޓްބޯޅަ ދިޔައީ ވަރަށް ބޮޑަށް ވަޅުޖަހަމުން ކަމަށާއި، ނަތީޖާއެއްގެ ގޮތުން ސަޕޯޓަރުން މި ކުޅިވަރާ ވަރަށް ބޮޑަށް ދުރުވެއްޖެ ކަމަށެވެ. އަދި ގައުމީ ޓީމު ކުރިއަރުވަން ބޭނުންވާނަމަ ރާއްޖޭގައި އަލުން ސަޕޯޓަރުންގެ ކުރިމަތީގައި ލީގު ކުޅެން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"ގައުމީ ޓީމު ރަނގަޅު ހިސާބަކަށް ގެންދިއުމަށްޓަކައި ސަޕޯޓަރުން ކުރިމަތީގައި ލީގު ކުޅެން ޖެހޭނީ. ސަޕޯޓަރުންނާއި ނުލައި ކުޅިވަރެއް ކުރިއަރާ ނުދާނެ. އެހެންވީމަ ވަރަށް ބޮޑަށް މިދިޔަ ދުވަސްތަކުގައި މި ދިޔައީ އަހަރަކަށްވުރެ އަހަރެއް ދަށްވަމުން. ޚާއްސަކޮށް ކުރީގެ ކުލަބުތައް ފަނޑުވި ހިސާބުން ވަރަށް ބޮޑަށް ސަޕޯޓަރުންގެ ބައި ދައްވަމުން ދިޔައީ." މުބީން ވިދާޅުވިއެވެ.
ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމުގެ ވިސްނުމުގައި ކުލަބުތަކުން ދަނޑަށް ނުކުންނަން ތައްޔާރުވާއިރު، އެންމެ އަވަހަށް ރާއްޖޭގައި ބާއްވާނީ ލީގު ކަޕް ފުޓްބޯޅަ މުބާރާތެވެ. މިއީ އެފްއޭއެމް އާއި ކުޅިވަރާ ބެހޭ ވުޒާރާއިން ގުޅިގެން މި މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ މުބާރާތެކެވެ.
ސަޕޯޓަރުން ވައްދައިގެން ފުޓްބޯޅަ ކުޅުމަށް އަލުން ފުރުސަތެއް ކުލަބުތަކަށް ލިބިފައިވާއިރު، ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި އޮތީ އޭއެފްސީ އާއި ފީފާގެ ލަފާއާ އެއްގޮތަށް ސީޒަން ފެށުމަށެވެ. އެފްއޭއެމްއިން މި އަހަރަށް އެކުލަވާލި ކަލަންޑަރަށް ދެތިން ފަހަރު ބަދަލު ގެނެސްގެންވެސް ފުޓްބޯޅަ ސީޒަން ފެށޭގޮތް ނުވެ، މިހާރު ވަނީ އޮގަސްޓް މަހަށް ފަސްކޮށްފައެވެ. ކުރިން ހަމަޖެއްސީ އޭޕްރީލް މަހުގެ ތެރޭގައި ސީޒަން ފެށުމަށެވެ.
އެންމެ ފަހުން ސަޕޯޓަރުންނާއެކު ގަލޮޅު ދަނޑު ގުގުމާލީ އަމިއްލަ ފަރާތެއް ކަމަށްވާ 90 ޕްލަސްއިން އިންތިޒާމުކޮށްގެން ކުޅިވަރާ ބެހޭ ވުޒާރާގެ އެއްބާރުލުމާއެކު މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުންނެވެ. ބ. އޭދަފުށިން ޗެމްޕިއަންކަން ހޯދި އެ މުބާރާތުގެ މެޗުތަކުން މިދިޔަ އަހަރުގެ ފަހުކޮޅު ބޭއްވި އެންމެ ފޯރިގަދަ ކުޅިވަރު މުބާރާތަކަށްވީވެސް ގޯލްޑް ކަޕެވެ.
ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމުގެ ބޭނުމުގައި "އަލުން ދަނޑަށް" މި ޝިޔާރުގެ ދަށުން ކުރިއަށްގެންދިޔަ ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ނުވަ އަތޮޅަކުން 17 ޓީމު ވާދަކުރިއެވެ. ޓިކެޓް ގަނެގެން ގަލޮޅު ދަނޑަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދެ ފޯރީގައި ކުރިއަށްގެންދިޔަ މި މުބާރާތުގެ 47 މެޗުންވެސް ފެނިގެން ދިޔައީ 1900ގެ ފަހުކޮޅާއި 2000ގެ ކުރީކޮޅު ދިވެހިންގެ މެދުގައި އޮތް ފުޓްބޯޅައިގެ ފޯރި އާއި ޖޯޝުގެ ހަނދާންތައް އައުކުރުވި މަންޒަރެވެ.
އަލުން ދަނޑަށް ސަޕޯޓަރުން ވެއްދުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. ސަރުކާރުގެ އެއް ސިޔާސަތު ކަމުގައިވާ އަލުން ދަނޑަށް ކުޅި ބަލާ މީހުން ވެއްދުމުގެ ސިޔާސަތު ކިތަންމެ ރަނގަޅަކަށްވެސް ގޯލްޑް ކަޕް މުބާރާތުން ހާސިލުވިއެވެ. ފުޓްބޯޅައަށް އަޅާނުލާ އޮތް އޮތުން ނިމުމަކަށް ގެނައުމަށް މިހާރުވެސް ކުޅިވަރާ ބެހޭ ވުޒާރާއިން ގެންދަނީ އެކި ފަރާތްތަކާއެކު މަޝްވަރާކުރަމުންނެވެ.
މިދިޔަ އަހަރުގެ ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް 255 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، ކުޅިވަރު ވަސީލަތްތައް ރަނގަޅުކުރުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.