އެސްޓަން ވިލާގެ ފޯވަޑް މާކަސް ރަޝްފޯޑް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާއަށް މި ސީޒަނުގައި ދެން ނުކުޅެވޭނެކަމަށް ބުނެފި އެވެ.
މިދިޔަ ފެބްރުއަރީ މަހު ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑް އިން އެސްޓަން ވިލާ އާއި ގުޅުނު ރަޝްފޯޑް އަށް ލިބިފައިވާ ހެމްސްޓްރިންގް އަނިޔާގެ ސަބަބުން އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި މިދިޔަ ހޮނިހިރު ދުވަހު ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭނާ ކުޅެފައެއް ނުވެއެވެ.
އުމުރުން 27 އަހަރުގެ ރަޝްފޯޑް އަށް ލިބިފައިވާ އަނިޔާގެ ސީރިއަސްކަން ބެލުމަށް އެ ކްލަބުން ދަނީ އަދިވެސް މަސައްކަތް ކުރަމުންނެވެ.
ނަމަވެސް ޕްރިމިއާ ލީގުގައި ކުރިއަށް އޮތް ހަތަރު ވަރަކަށް މެޗުގައި އޭނާއަށް ނުކުޅެވުނު ނަމަވެސް ރަޝްފޯޑް މަސައްކަތް ކުރަމުންދަނީ އަންނަ ޖޫން މަހު ވޯލްޑްކަޕް ކޮލިފައިންގައި އެންޑޯރާ އާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރު އެކުވެރިކަމުގެ މެޗެއްގައި އިންގްލޭންޑް ސެނެގާލް އާއި ދެކޮޅަށް ކުޅޭ މެޗަށް ފިޓުވުމަށެވެ.
މި ސީޒަނަށްފަހު ލޯނު އެސްޓަން ވިލާ އާއިއެކު ރަޝްފޯޑް ހަދާފައިވާ ލޯނު އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު އޭނާގެ މުސްތަގުބަލާއިމެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް އޭރު ރަޝްފޯޑް މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލީ އަލަށް އެ ޓީމުގެ ކޯޗު ކަމާއި ހަވާލުވި ރުބެން އަމޮރިމް އާއި ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުން ޓީމުން ބާކީ ވުމުންނެވެ.
ޕްރިމިއާ ލީގު ނިމުމުގެ ކުރިން ރަޝްފޯޑް ފިޓް ވެއްޖެނަމަ އޭނާއަށް ކުޅެވޭނެ އެންމެ ފަހު މެޗަކީ މެއި 18 ވަނަ ދުވަހު ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅޭ މެޗެވެ. މެއި 25 ގައި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް އެސްޓަން ވިލާ ކުޅޭ މެޗުގައި ރަޝްފޯޑް އަށް ނުކުޅުވޭނެ އެވެ.
2028 ގެ ނިޔަލަށް މެންޗެސްޓަރ ޔުނައިޓެޑް އާއިއެކު ރަޝްފޯޑް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު އޭނާ ވަނީ މުސްތަގުބަލާއިމެދު ގޮތެއް ނިންމުމަށް އެއްވެސް ކްލަބަކާއި މިވަގުތު ވާހަކަ ދައްކަން ބޭނުން ނުވާކަމަށް ބުނެފަ އެވެ. އަދި އެ ކަން ކުރިއަށް ގެންދާނީ އަންނަ ޖޫން މަހުގައި ކަމަށްވެސް ރަޝްފޯޑް ވަނީ ބުނެފަ އެވެ.
ރަޝްފޯޑް ވަނީ އެސްޓަން ވިލާއަށް ކުޅެދިން 17 މެޗުގައި 4 ގޯލު ޖަހާފަ އެވެ.