މިއީ އުފާފާޅުކުރާންވީ ވަގުތު ކަމަށާއި، މިއީ ޓީމަށް އުފާވެރި ދުވަސްތަކެއް ކަމަށް ނާޕޮލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ. އޭނާ މިހެންބުނެފައި ވަނީ އިޓާލިއަން ލީގުގައި ރޭ ޓޮރީނޯ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވުމާއެކު، ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ޖެހުމާ ގުޅިގެންނެވެ.
ނާޕޮލީއިން އެމީހުންގެ އަމިއްލަ ދަނޑު، ޑިއޭގޯ އާރމަންޑޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު އިޓާލިއަން ސެރިއާ އާގެ އެއްވަނައަށް އެރީ ރޭ ރޯމާއާ ދެކޮޅަށްކުޅެ ވާދަވެރި އިންޓަމިލާނު ބަލިވުމާ ގުޅިގެންނެވެ. އިންޓަމިލާނުން އަމިއްލަ ދަނޑުގައި ރޭ ބަލިވެފަވަނީ 1-0ލަނޑުންނެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޮންޓޭ ބުނީ މިއީ ނާޕޮލީއިން ތާވަލުގެ ލީޑަށް އެރި ފުރަތަމަ ފަހަރު ނޫންކަމަށާ މީގެ ކުރިންވެސް އެތައް ފަހަރަކު އެ ފުރުސަތު ޓީމަށް ލިބިއްޖެކަމަށެވެ.
"މިއީ ތާވަލުގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރެއް ނޫން. އަހަރުމެން ތާވަލުގަ ރަސްކަންކުރި ވަރަކަށް އެހެން ޓީމަކަށް އެކަން ކުރެވިފައެއް ނޯންނާނެ" ނޫސްވެރިންގާތު ކޮންޓޭ ބުންޏެވެ.
ކޮންޓޭ އިތުރަށް ބުނީ ކުޅެން ޖެހޭ މެޗުތަކުގެ އަދަދު މިހާރު މަދުވެއްޖެކަމަށާ، އެހެންކަމުން ކުރިއަށް ހުރި މެޗުތަކުގައި ގޯހެއް ހެދިއްޖެނަމަ އެކަމުން ނިކުންނަ ނަތީޖާ ވަރަށް ހިތިވާނެކަމަށެވެ. އަދި މިހާރު ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެކަމަށް ބުނަމުން ކޮންޓޭވަނީ މިއީ އުފާކޮށް އެކަން ފާހަގަކުރަންވީ ވަގުތުކަމަށް ބުނެފައެވެ.
"ހިސާބު އަދަދުން ބަލައިފިކަމަށްވާނަމަ އަހަރުމެންނަށް ޗެމްޕިއަންސްލީގު މިވަނީ ލިބިފަ، އެހެންވީމަ މިއޮތީ އެކަން ފާހަގަކޮށް އުފާކުރަންވީ ވަގުތު އައިސްޖެހިފަ" ކޮންޓޭ ބުނެފަވެއެވެ.
2023 ވަނަ އަހަރު ލީގު ޗެމްޕިއަންކަން ހޯދި ނަޕޯލީން ފާއިތުވެދިޔަ އަހަރުގެ މުބާރާތުގެ 10 ވަނައަށް ވެއްޓުމަށްފަހު މިސީޒަނުގައި އެއްވެސް ޔޫރަޕުގެ މުބާރާތަކުން ފެނިފައެއް ނުވެއެވެ.
އިންޓަމިލާނުގެ މެޗާ ގުޅޭގޮތުން ކޮންޓޭ ބުނީ އެމެޗު އޭނާ ނުވެސް ބަލާކަމަށެވެ. އޭނާގެ ހުރިހާވެސް ފޯކަހެއް ބެހެއްޓީ ނާޕޮލީގެ މެޗަށްކަމަށާ، ޓީމުގެ ކުޅުންތެރިންނަށް އިތުރު ޕްރެޝަރެއްދީ ނަފްސާނީ ގޮތުން އަސަރުކޮށްފާނެ އެއްވެސްކަމެއް އޭނާ ނުކުރާނެކަމަށް ކޮންޓޭ ބުނެފަވެއެވެ.
"މެޗުގެ ކުރިން އަހަރެން ކުޅުންތެރިން ގާތު ބުނެފަވާނެ މޮޅުވާން މަސައްކަތްކުރުމަށް. ވަރަށް ހިތްވަރުކުރުމަށް. އެކަން ހަނދާނުގަ ބަހައްޓައިގެން ކޮންމެ ކުޅުންތެރިއަކުވެސް މޮޅު ކުޅުމެއް ދެއްކި" ކޮންޓޭ ބުންޏެވެ.
ނާޕޮލީއަށް މި ސީޒަންގައި ބާކީ ހަތަރު މެޗު އޮތްއިރު، އެޓީމުން އެންމެ އަވަހަށް ނުކުންނާނީ ރެލިގޭޝަންގެ ނުރައްކާ ކުރިމަތިވެފައި އޮތް ލެއްޗޭއާ ދެކޮޅަށް ހޮނިހިރުދުވަހުއެވެ. އެއަށްފަހު ނާޕޮލީން ދެން ވާދަކުރާނީ ތާވަލުގެ އެންމެ ފުލުގައި އުޅޭ ޖެނޯއާ، ޕާރމާ އަދި ކަގްލިއާރީއާ ދެކޮޅަށެވެ.