ކުޅިވަރު

ކަވަސާކީން ސެމީގައި ނުކުންނާނީ ރޮނާލްޑޯގެ އަލްނަސްރާ ދެކޮޅަށް


އޭއެފްސީ އޭޝިއަން ޗެމްޕިއަންސް ލީގު އެލީޓްގެ ކުއާޓާ ފައިނަލުގައި ގަތަރުގެ އަލް ސާދާއި ވާދަކޮށް ޖަޕާނުގެ ކަވަސާކީ ފްރޮންޓޭލުން މެޗު ކާމިޔާބުކޮށް ސެމީފައިނަލްގެ ޖާގައެއް ޔަގީންކޮށްފިއެވެ. މިމެޗު ކަވަސާކީން ކާމިޔާބުކޮށްފަވަނީ 3-2 ލަނޑުންނެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ މަޝްހޫރު ޕްރިންސް އަބްދުالله އަލް ފައިސަލް ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މިމެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަކުޅުމެކެވެ. އެހެންނަމަވެސް މެޗުގެ ވަކި ހިސާބަކުން އަލް ސާދުން ކުޅުން ރަނގަޅުކުރިތަން ފެނުނުނަމަވެސް މިގޮތުގައި އެޓީމަށް މާ ގިނަ ވަގުތަކު ހިފަހައްޓާލެވިފައެއްނުވެއެވެ.

މެޗުގެ 4 ވަނަ މިނިޓުގައި ކަވަސާކީގެ ފުރަތަމަ ލަނޑު ފެނިގެންދިޔައިރު، މި ލަނޑަކީ އެޓީމުގެ އަކިހިރޯ އައިނާގާ ދިން ޕާހަކުން ކަވަސާކީގެ ފޯވާޑް އެރިކްސަން ވަރަށް ފަސޭހަކަމާއެކު ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. އޭގެ ފަސްވަރަކަށް މިނިޓުފަހުން އަލް ސާދުން ނަތީޖާ އެއްވަރުކުރިއެވެ. މި ލަނޑު ފެނިގެންދިޔައީ އެޓީމުގެ ބްރެޒިލް ކުޅުންތެރިޔާ ޕައުލޯ އޮތާވިއޯގެ ފަރާތުންނެވެ.

މި ލަނޑާއެކު މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައިރު، މެޗުގެ 21 ވަނަ މިނިޓުގައި މެޗުގެ ނަތީގާ 2-1 އަށް ބަދަލުކޮށް ކަވަސާކީން ލީޑު ދެވަނަ ފަހަރަށް ނެގިއެވެ. މިއީ ކަވަސާކީގެ ވިންގަރ މާޗިނިއޯ ފޮނުވާލި ބާރު ހަމަލާއެކެވެ. ފުރަތަމަ ހާފުގައި އަލްސާދުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އިތުރު ގޯލެއް ޖެހޭގޮތެއްނުވިއެވެ. އެހެންނަމަވެސް މި ހާފުގައިވެސް ދެ ޓީމުގެ ފަރާތުންވަނީ ވާދަވެރި ވަރުގަދަ ކުޅުމެއް ފެނިގެންގޮސްފައެވެ.

ދެވަނަ ހާފާއެކުވެސް ދެ ޓީމުގެ ކުޅުން ދާދީ އެއްވަރުކަމަށް ފާހަގަކުރެވުނެވެ. އެހެންނަމަވެސް މެޗުގެ 71 ވަނަ މިނިޓުގައި އަލް ސާދުގެ ކުލައުޑީނިއޯ ޖެހި ލަނޑާއެކު މެޗުގެ ނަތީޖާ 2-2 އަށް ބަދަލުވުމުން ކަވަސާކީއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. ނޭވާ ހިފަހައްޓައިގެން ތިބެ، ކުޅެމުން ދިޔަ ކަވަސާކީއަށް ހަމަޖެހުމެއް ލިބުނީ ކަވާސާކީގެ މިޑްފީލްޑަރު ޔަސޫޓޯ ވަކިޒާކާ ޖެހި ލަނޑާއެކު މެޗުގެ ނަތީޖާ 3-2އަށް ބަދަލުވިހިސާބުންނެވެ. މިއީ އަލްސާދުގެ ފުލްބެކް، ގިލްހަރމޭއަށް ހެދުނު ގޯހެއްގެ ފައިދާނަގާ ޔަސޫޓޯ ކާމިޔާބުކުރި ލަނޑެކެވެ. ކަވަސާކީ ފްރޮންޓޭލްގެ ކެޕްޓަން ޔަސޫޓޯ މިލަނޑު ޖަހާފަވަނީ އިތުރު ވަގުތުގެ ކުޅުމުގެ ތެރެއިންނެވެ.

މިމެޗުން މޮޅުވުމާއެކު ކަވަސާކީން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފަވާއިރު، ދެން އެޓީމުން ނުކުންނާނީ މިމަހުގެ 30 ވަނަ ދުވަހު ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލްނަސްރާ ދެކޮޅަށެވެ. އޭގެ ކުރިން މިމަހުގެ 29 ވަނަ ދުވަހު ސެމީގައި އަލް އަހްލީ އާއި އަލް ހިލާލުވެސް ބައްދަލުކުރުމަށްވަނީ ހަމަޖެހިފައެވެ.

އޭޝިއަން ޗެމްޕިއަންސް ލީގުގެ ފައިނަލު މެޗު އަންނަ މަހުގެ ތިންވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، މިމެޗު ކުޅޭނީ ފަސްދޮޅަސް ދެހާހަށްވުރެ ގިނަ މީހުންގެ ޖާގައިގެ ދަނޑެއްކަމަށްވާ ކިންގް އަބްދުالله ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައެވެ.