ދުނިޔެ

ދެކުނު އެފްރިކާ- އެޗްއައިވީ ކޮންޓްރޯލް ކުރުމުގެ ޢަޒުމުގައި


ދެކުނު އެފްރިކާއަކީ އެއިޑްސް ބަލީގެ ވަބާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ޤައުމެވެ. އެ ޤައުމުގެ އާބާދީގެ 19 އިންސައްތަކަމަށްވާ 7 މިލިއަން މީހުންނަކީ، އެޗްއައިވީއަށް ޕޮޒިޓިވް މީހުންނެވެ.

އަންނަ ހަފްތާގައި އެއިޑްސް ބައްޔާއިބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސެއް ބޭއްވުމަށް އެ ޤައުމުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ފާހަގަކޮށްލެވޭ އެއް ކަމަކީ، ފާއިތުވި 16 އަހަރުގެ ތެރޭގައި އެ ޤައުމުން ހޯދާފައިވާ ތަރައްޤީއާއި ކުރިއެރުމެވެ. އަދި، އެއިޑްސް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެ ޤައުމުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި، ހޯދާފައިވާ ކާމިޔާބީއެވެ.

ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީއަކީ، އެޗްއައިވީއާއި އެއިޑްސް ބައްޔާއި ގުޅުމެއްވާކަމަށް ސައިންވެރިން ދައްކަމުންދިޔަ ވާހަކަތަކަށް ބީރު ކަންފަތެއް ދެއްވާ، އެ ކަން ޤަބޫލްފުޅު ކުރެއްވި ބޭފުޅެއް ނޫނެވެ. ނަމަވެސް މިހާރު ދެކުނު އެފްރިކާއަކީ، އެއިޑްސް ބަލި ކޮންޓްރޯލްކުރުމަށާއި، މި ބައްޔަށް ފަރުވާ ދިނުމުގައި އެންމެ ފުޅާ ދާއިރާއެއްގައި ޚިދުމަތް ފޯރުކޮށްދެމުންދާ އެއް ޤައުމެވެ. މިވަގުތު އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ ޚާއްޞަ މަރުކަޒުތަކުގައި، އެޗްއައިވީ އަދި އެއިޑްސްއާއި ގުޅުން ހުރި 'އެންޓިރެޓްރޯވިއަލް' ޑްރަގް އަދި އެހެނިހެން ފަރުވާތައް ހޯދަމުންދާ މީހުންގެ އަދަދު 3.4 މިލިއަނަށް އަރައެވެ.

img:http://s4.psmnews.mv/images/660x400/14687900141077.jpg|

މީގެ ކުރިން އެ ޤައުމުގައި ބޭއްވި އެއިޑްސްއާއިބެހޭ ކޮންފަރެންސެއްގައި އެ ޤައުމުގެ ޞިއްޙަތާއިބެހޭ ވަޒީރުވަނީ، އެއިޑްސް ބައްޔަށް އޮތް ފަރުވާއަކީ ތަރުކާރީގެ ދެ ބާވަތެއްކަމަށްވާ ބީޓްރޫޓާއި އަލުވިކަމަށް ވިދާޅުވެ، ހަޖޫ ޖައްސަވާފައެވެ. އަދި، ރައީސް އެމްބެކީވަނީ، އެ ޤައުމުގައި އެއިޑްސް ބަލި ފެތުރެމުންދާ އެންމެ ބޮޑު ސަބަބަކީ ފަޤީރުކަންކަމަށް ސިފަކުރައްވާފައެވެ. މި ބަސްފުޅުތަކާއި ގުޅިގެން، ކޮންފަރެންސްގެ ގިނަ ބައިވެރިންތަކެއް ކޮންފަރެންސް ދޫކޮށް ގޮސްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

އެޗްއައިވީ އަދި އެއިޑްސް ބައްޔަށް ފަރުވާކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވާ ކްލިނިކްތަކުގެ ތެރޭގައި، އެ ޤައުމުގެ އެންމެ ބޮޑު ރަށްކަމަށްވާ ޖޮހެނެސްބަރގްގެ ވިޓްކޮޕެން ކްލިނިކް ހިމެނެއެވެ. އެ ތަނުގައި މި ޚިދުމަތްދޭން ފަށާފައިވަނީ 1996 ވަނަ އަހަރުގައެވެ. އެޗްއައިވީއަށް ފަރުވާކުރުމަށް އެންމެ ފުރަތަމަ މަސައްކަތް ފެށިއިރު، އެ ކްލިނިކްގައި ވިޓަމިން ފަދަ އާދައިގެ ބޭސްތައް ނޫން އެހެން ވަޞީލަތެއް ނެތްކަމަށާއި، އެޗްއައިވީ ޖެހިފައިވާ މީހުންނަށް ފަރުވާކޮށްފައިވަނީ ވިޓަމިން ފަދަ ބޭސްތަކާއި، އަދި ލޯތްބާއި އަޅާލުން ދީގެންކަމަށް އެ ކްލިނިކްގެ ވިލަރެސްވެރިޔާ ޑރ. ޖީން ބެސެޓް ވިދާޅުވިއެވެ.

އެޗްއައިވީ އަދި އެއިޑްސް ބަލި ކޮންޓްރޯލްކުރުމަށް އެމްބަކީގެ ސަރުކާރުން އިހުމާލުވުމާއި ގުޅިގެން، ފުރަތަމަ 5 އަހަރުގެ ތެރޭގައި، އެ ޤައުމުގައި 330،000 މީހުން މި ބަލީގެ ޝިކާރައަކަށްވެ، މަރުވެ ގޮސްފައިވާކަމަށް ހާވަރޑް ޔުނިވަރސިޓީގެ ދިރާސާއަކުން ދައްކައެވެ.

ނަމަވެސް، 2008 ވަނަ އަހަރު އެ ޤައުމުގެ ވެރިކަމާއި ހަވާލުވެވަޑައިގަތް ޖޭކޮބް ޒޫމާގެ ސަރުކާރުންވަނީ އެޗްއައިވީ އަދި އެއިޑްސް ބަލި ކޮންޓްރޯލްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މިކަމާއިމެދު ޒޫމާ އަޅުއްވާފައިވާ އެންމެ ފުރަތަމަ އެއް ފިޔަވަޅަކީ، އެ ޤައުމުގެ ޞިއްޙީ ވުޒާރާ، ޑރ. އޭރޮން މޮޓްސޯލެޑީއާއި ޙަވާލު ކުރެއްވުމެވެ. މޮޓްސޯލެޑީއަކީ ޞިއްޙީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކަށްވުމުގެ ސަބަބުން، އޭނާގެ އެންމެ ފުރަތަމަ މަސައްކަތަކަށްވީ، އެޗްއައިވީ އަދި އެއިޑްސް ބައްޔަށް ޓެސްޓު ކުރުމަށާއި، 'އޭ.އާރް.ވީ' ޚިދުމަތް ދިނުމަށް ޚާއްޞަ ކެމްޕެއިނެއް ފެއްޓެވުމެވެ.

img:http://s4.psmnews.mv/images/660x400/14687900250545.jpg|

މިއަދު ދެކުނު އެފްރިކާގައި 3 މިލިއަނަށްވުރެ ގިނަ 'އޭ.އާރް.ވީ' ދޭ ޞިއްޙީ ސެންޓަރުން ޚިދުމަތް ދެމުންދާކަން މިއީ އެ ޤައުމުން ހޯދާފައިވާ އާދަޔާ ޚިލާފު ކުރިއެރުމެކޭ ދެންނެވިދާނެއެވެ. މިއަދު އެ ޤައުމުގައި އެޗްއައިވީ އަދި އެއިޑްސް ބައްޔަށް ފަރުވާ ހޯދަމުންދާ 7 މިލިއަން މީހުން ތިބި ނަމަވެސް، މީގެ ތެރެއިން ބޮޑު ބަޔަކަށް، ޚާއްޞަ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެމުންދާކަން މިއީ ތަޢުރީފް ޙައްޤު ކާމިޔާބީއެކެވެ. އަދި، އެ ޤައުމުގެ ސަރުކާރުން ކޮށްފައިވާ ބުރަ މަސައްކަތުގެ ދަށުން، މީގެ ކުރިން މި ބަލީގައި މުޖުތަމަޢާއި އެކަހެރިވެ، ބިކަވެގެންދިޔަ އެތަކެއް ހާސް ރައްޔިތުންނެއްގެ ދިއިރުޅުމަށް މިހާރު ބޮޑެތި، އަދި ހެޔޮ ބަދަލުތަކެއް އައިސްވާކަމީ، އެޗްއައިވީ އަދި އެއިޑްސް ބަލި ކޮންޓްރޯލް ކުރުމަށް އެ ޤައުމުގެ ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ރަނގަޅު ނަތީޖާކަން ޤަބޫލްކުރަން ޖެހެއެވެ. އަދި، މިއީ 2030 ވަނަ އަހަރުގެ ކުރިން، އެ ޤައުމުގައި އެޗްއައިވީ އަދި އެއިޑްސް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކަނއަޅާފައިވާ ޢަޒުމް ކާމިޔާބު ކުރެވޭނެކަމުގެ ހެޔޮ ފާލެކެވެ.