ޚަބަރު

ރޮބޮޓިކް ބުކް ސްކޭނަރ ގެނައުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ޒަމާނީ އާލާތްތައް ބޭނުންކުރައްވައިގެން އިލެކްޓްރޯނިކްސް ނިޒާމަކުން ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ އެއްބަސްވުމުގައި ފިނޭސް މިނިސްޓްރީން ސޮއިކުރައްވައިފިއެވެ.

ޕަބްލިކް ރެކޯޑްސް ޑިޖިޓަލައިޒް ކުރުމާގުޅޭ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީން ސޮއިކުރައްވާފައިވަނީ، ސްރީލަންކާގެ ސަންޖީވް ޕްރައިވެޓް ލިމިޓެޑާއެކުގައެވެ. މި ޕްރޮޖެކްޓްގައި ހިމެނޭ މިމަސައްކަތުގެ އެއްބަސްވުމުގެ ދަށުން ލިޔެކިއުންތައް ސްކޭންކުރުމަށް އުފައްދާފައިވާ އެންމެފަހުގެ ޒަމާނީ މެޝިނެއްކަމަށްވާ ރޮބޮޓިކް ބުކް ސްކޭނަރެއް ރާއްޖެއަށް އަލަށް ގެނެވޭނެއެވެ.

ރާއްޖޭގައި ހުރި ޒަމާންވީ މުހިންމު ލިޔުންތަކާއި ފޮޓޯތަކާއި ކުރެހުންފަދަ ކަރުދާހާއި އެއާ އެއްފަދަ އެއްޗެހީގައި ހުރި ޑޮކިއުމެންޓްތައް ރައްކާތެރިކޮށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރެއްވުމަށް ސަރުކާރުން ވަނީ މުހިންމު މަޝްރޫޢެއް ފަށްޓަވާފައެވެ. ޕަބްލިކް ރެކޯޑްސް ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓްގެ ނަމުގައި ހިންގަވާ މި މަޝްރޫޢުގެ ދަށުން އަންނަނީ ފަސޭހަ، އަވަސް އަދި ރައްކާތެރި ގޮތަކަށް އަދި ރައްކާތެރި ފޯމެޓެއްގައި މިފަދަ ޑޮކިއުމެންޓް ބެހެއްޓޭނެ އަދި ބެލެހެއްޓޭނެ މަގުތައް ފަހިކުރައްވަމުންނެވެ. މިފަދަ ޑޮކިއުމެންޓްތައް ސްކޭންކުރެވޭނެ ރޮބޮޓިކް ބުކް ސްކޭނަރެއް ހޯއްދެވުމަށް ކޮންޓްރެކްޓަރަކާ ޙަވާލުކުރައްވައި ސްކޭނަރ މިތަޢާރުފްކުރެއްވީ މި މަޝްރޫޢުގެ ދަށުންނެވެ.

މިއީ ގަޑިއިރެއްހާއިރުގެ ތެރޭގައި އޭގައިވާ ޚާއްޞަ އޮޓޮމެޓިކް ބައިތަކުގެ އެހީގައި 2500 ޞަފުޙާ ސްކޭންކުރުމުގެ ޤާބިލުކަން ލިބިފައިވާ ސްކޭނަރެކެވެ. މީގެ ޒަމާންތަކެއް ކުރީގައި ލިޔެވިފައިވާ ދައުލަތުގެ ލިޔެކިޔުންތަކާއި، މުހިންމު ފަތްފުށްތައް، ޚާއްޞަކޮށް ދިވެހި ތާރީޚީ އަދި އާސާރީ ފަތްފުށްތައް ދެމެހެއްޓެނިވި ގޮތެއްގައި މި ޕްރޮޖެކްޓްގެ ދަށުން ރައްކާތެރިކުރެވޭނެއެވެ. މިކަމަށް ލެބޯޓްރީއެއްވެސް ވަނީ ޤާއިމްކުރައްވާފައެވެ. މި ލެބޯޓްރީގައި މިކަމަށް ޚާއްޞަ ޒަމާނީ ފެންވަރުގެ ސާމާނު ޤައުމީ ޢަރުޝީފުން މިހާރު މިވަނީ ބަހައްޓަވާފައެވެ.

ދިވެހި ޤައުމީ އަރުޝީފުން މަޢުލޫމާތުދެއްވިގޮތުގައި، ޕަބްލިކް ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓްގެ ދަށުން ރޮބޮޓިކ ބުކް ސްކޭނަރ ބޭނުންކުރައްވައިގެން ފުރަތަމަ މަސައްކަތް ކުރެވޭނީ ދައުލަތުގެ އިދާރާތަކުގެ ތެރެއިން އެންމެގިނަ ލިޔެކިޔުންތައް ބޭނުންކުރާ އިދާރާތަކާއި މުއައްސަސާތަކުގައި ހުރި ޑޮކިއުމެންޓްތަކަށް އިސްކަންދެއްވައިގެންކަމަށެވެ.

މިކަމާބެހޭ އެއްބަސްވުމެއްގައި ސަންޖީވް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކުރެއްވުމަށްފަހު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ މުޙައްމަދު އަޝްމަލީ ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ދައުލަތުގެ ލިޔެކިޔުންތައް ބެލެހެއްޓުމުގައި ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށެވެ. އަދި ލިޔެކިޔުންތައް ރައްކާތެރިކުރެއްވުމަށް މި އެއްބަސްވުމުގެ ސަބަބުން ބޮޑު ފަހިކަމެއް ލިބިގެންދާނެކަމަށެވެ. މި ސްކޭނަރ ހޯދުމަށް ގާތްގަނޑަކަށް 3 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމަށް ޤައުމީ ޢަރުޝީފުން މަޢުލޫމާތުދެއްވައެވެ.