ޚަބަރު

މުއައްސަސާތަކަށް ބޭނުންވާ ސޮފްޓްވެއަރތައް މައިކްރޯސޮފްޓުން ހޯދަނީ


ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ މައިކްރޯސޮފްޓް ސޮފްޓްވެއަރތައް ހޯއްދެވުމަށްޓަކައި ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީއާއި މައިކްރޯސޮފްޓާއި މެކްސްކޮމް ޓެކްނޮލޮޖީޒް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ.

މި އެއްބަސްވުމަކީ ދައުލަތުގެ އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ތަސައްވަރުގެ ލަނޑުދަނޑިތައް ޙާޞިލްކުރެއްވުމަށް، ދައުލަތުގެ އައިސީޓީގެ މައިބަދަ ވަރުގަދަކުރައްވައި، ޒަމާނީކުރެއްވުމަށް ހިންގަވާ މަސައްކަތެއްކަމަށް އެންސީއައިޓީން ވިދާޅުވެއެވެ. މިއީ 5 އަހަރުގެ އެއްބަސްވުމެކެވެ.

މިކަމަށްޓަކައި ކުރުނބާ މޯލްޑިވްސްގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މިކަމާއިގުޅޭ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ މުޙައްމަދު އަޝްމަލީއެވެ. މެކްސްކޮމް ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ފިނޭންސް އިބްރާހީމް ފިރުޝާންއެވެ. އަދި މައިކްރޯސޮފްޓްގެ ފަރާތުން ސޮއިކުރެއްވީ ޕަބްލިކްސެކްޓަރ ލީޑް އެޓް މައިކްރޯސޮފްޓް ސްރީލަންކާގެ ޕޫޖިތާ ރާޖަޕަކްސައެވެ.

މި އެއްބަސްވުމުގެ ދަށުން، ދައުލަތުގެ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ވިއުގައާ ގުޅިފައިވާ ކޮމްޕިއުޓިންގް އެންވަޔަރމަންޓް އައިއެސްއޯ މިންގަނޑަށް ފަރުމާކޮށް ސަރޓިފައިކުރެވޭނެއެވެ. އަދި ދައުލަތަށް ބޭނުންވާ މައިކްރޯސޮފްޓް އޮފީސް ސޮފްޓްވެއަރގެ ލައިސަންސް ޚާއްޞަ އަގުތަކެއްގައި ލުއިފަސޭހަކަމާއެކު ލިބުމުގެ މަގުފަހިވެގެންދާނެއެވެ. މީގެތެރޭގައި ތަޢުލީމީ ދާއިރާއަށް ބޭނުންވާ ބައެއް ސޮފްޓްވެއަރ ދަރިވަރުންނަށް ހިލޭ ލިބުމުގެ ފުރުޞަތު ހުޅުވިގެންދިއުންވެސް ހިމެނެއެވެ. އަދި ދައުލަތުގެ އޮފީސްތަކުގެ ކޮމްޕިއުޓަރ ވިއުގަ ބަލަހައްޓަމުންދާ ސިސްޓަމް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ މުވައްޒަފުންނާއި ސީނިއަރ މެނޭޖްމަންޓް ހިމެނޭގޮތަށް 3000 އަށްވުރެގިނަ މުވައްޒަފުންނަށް ކަމާގުޅޭ ތަމްރީނުދެވޭނެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ އޮފް ސްޓޭޓްފޮރ ފިނޭންސް އެންޑް ޓްރެޜަރީ މުޙައްމަދު އަޝްމަލީ ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން އައިސީޓީގެ ބޭނުން ވީހާވެސް ހެޔޮގޮތުގައި ކުރުމަށް މަގުފަހިވެ، ދައުލަތުގެ ހިންގުން ހަރުދަނާކުރެވި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވިގެންދާނެކަމަށެވެ. މިގޮތުން މަރުކަޒީ ވިއުގައެއް މި އެއްބަސްވުމުގެ ދަށުން ޤާއިމްކުރެވޭނެކަމަށްވެސް އަޝްމަލީ ވިދާޅުވިއެވެ. އަދި ދައުލަތުގެ އިދާރާތަކުގައި ރައްކާކުރެވިފައިވާ އިލެކްޓްރޯނިކް މަޢުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ނިޒާމެއްވެސް ޤާއިމްކުރެވިގެން ދާނެކަމަށް އަޝްމަލީ ވިދާޅުވިއެވެ.

ދައުލަތުގެ އައިސީޓީ ތަޞައްވުރުގައި ހިމެނޭ 5 ޕްރޮގްރާމެއްގެ މަޢުލޫމާތުވެސް ފުރަތަމަ ފަހަރަށް އެންސީއައިޓީން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން އައިސީޓީ ޤާނޫނީ އޮނިގަނޑެއް އެކުލަވާލެއްވުމާއި އައިސީޓީ އިންފްރަސްޓްރަކްޗަރ ތަރައްޤީކުރެއްވުމާއި، އައިސޓީގެ ރޮނގުން އިންސާނީ ވަޞީލަތްތައް ބިނާކުރެއްވުމާއި، އިންޓަގްރޭޓެޑް އީ-ގަވަމަންޓް ސިސްޓަމެއް ޤާއިމްކުރެއްވުމާއި އަދި ދެމެހެއްޓެނެވި އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް އައިސީޓީ ބޭނުންކުރެއްވުން ހިމެނެއެވެ.