ޚަބަރު

ފޮރެސްޓް ބަލިކޮށް ސިޓީ އެފްއޭ ކަޕުގެ ފައިނަލަށް


އިނގިރޭސި އެފްއޭ ކަޕުގެ ސެމީ ފައިނަލްގައި ރޭ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ފައިނަލުގެ ޖާގައެއް މެންޗެސްޓާ ސިޓީން ހޯދައިފިއެވެ.

މި މެޗުން މެންޗެސްޓަރ ސިޓީ މޮޅުވެ އެފްއޭ ކަޕްގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު މިއީ މި މުބާރާތުގެ ފައިނަލުގައި އެ ޓީމުން ޖެހިޖެހިގެން ކުޅޭނެ ތިންވަނަ ފަހަރެވެ.

ފައިނަލުގައި އަންނަ މެއި މަހުގެ 17 ވަނަ ދުވަހު މެންޗެސްޓަރ ސިޓީ ނިކުންނާނީ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށެވެ.

ރަށުން ބޭރުގައި މެންޗެސްޓަރ ސިޓީ ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ރަގަޅު ކުޅުމެއް ދައްކާ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

މެންޗެސްޓަރ ސިޓީ އިން މި މެޗުގައި ކުރި ހޯދާފައިވަނީ މެޗުގެ 2 ވަނަ މިނިޓުގައި މަޓިއޯ ކޮވަސިޗް ދިން ބޯޅަ އަކުން ރިކޯ ލެވިސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ލަނޑަށްފަހުވެސް މެންޗެސްޓަރ ސިޓީ އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން އުމަރު މަރްމޫޝް އާއި ޖެކްގްރީލިޝްގެ އިތުރުން ނިކޯ އޮރެއިލީ އަށް ލިބުނު ފުރުސަތުތައް ފާހަގަ ކޮށްލެވެއެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ނޮޓިންހަމް ފޮރެސްޓަށް ވަނީ ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އެގޮތުން ކަލަމް ހަޑްސަން އޮޑޮއި އަރިމަތިން ހުރަސް ކުރި ބޯޅަ އެންތޮނީ އެލަންގާ އޭރިޔާ ތެރޭގައި ހުރެ ފޮނުވާލި ނަމަވެސް އެ ބޯޅަ ވަނީ ގޯލުގެ ދަނޑި ކައިރިން ބޭރުވެފަ އެވެ.

މެންޗެސްޓަރ ސިޓީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ 51 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ކޯނަރެއް އުމަރު މަރްމޫޝް ނަގައިދިން ވަގުތު ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޑިފެންޑަރ ޖަސްކޯ ގްވަޑިއޯލް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.

ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ މެންޗެސްޓަރ ސިޓީ އަށް މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާއިރު, އެ ޓީމަށް މި ސީޒަނުގައި ކާމިޔާބު ކުރެވެން އޮތް ހަމައެކަނި މުބާރާތަކީ މިހާރު އެފްއޭ ކަޕް އެވެ.