ލ. ފޮނަދޫ ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ފަށައިފިއެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އެކްސްގައި ކުރެއްވި ޓުވީޓަކުން މިކަން ހާމަކުރައްވާފައިވާއިރު، ސަރުކާރުން ގެންދަވަނީ ކުޅިވަރާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތަކެއް ނިންމުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރައްވަމުންނެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ލ. ފޮނަދޫ ކައުންސިލުގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ ދެ ދަނޑެއްގެ މަސައްކަތް ރަށުގައި ކުރަމުންދާކަމަށެވެ. މިގޮތުން އެތަނުން އެއްދަނޑުގެ ފެންސްގެ މަސައްކަތްކުރުމަށްޓަކައި ވެލްޑިންގެ މަސައްކަތް މިހާރު ވަނީ ކުރެވިފަކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން އެދަނޑުގެ ކާނުތައް ފެއްތުމަށް ތައްޔާރުވަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އަލަށް އާބާދުވި ސަރަހައްދުގައި ހަދަންފަށާފައިވާ ދަނޑުގެ މަސައްކަތް މިވަގުތަށް ހުއްޓިފައިވާކަމަށް އޭނާ މައުލޫމާތުދެއްވިއެވެ.
"އެދަނޑުގެ މަސައްކަތް ކުރިއަކަށް ނުދޭ. ލޭން އެޅިގޮތަށް ހުއްޓިފަ އޮތީ. އެއީ އަލަށް އާބާދުވި ސަރަހައްދުގައި އޮންނަ ދަނޑެއް" ރިޔާޒް ވިދާޅުވިއެވެ.
އަލަށް ތަރައްޤީކުރަމުންދާ ދެ ދަނޑުގެ އިތުރުން ރަށުގައި އިތުރު ފުޓްސަލް ދަނޑެއްވެސް އެބައޮތްކަމަށް ރިޔާޒް ވިދާޅުވިއެވެ. އެ ދަނޑަކީ ރަށުގެ ކުދި ބޮޑު އެންމެންވެސް ބޭނުންކުރާ ދަނޑުކަމަށާ، ފުޓްސަލްގެ އިތުރުން ހޭންޑްބޯލް ފަދަ ކުޅިވަރުތައްވެސް ކުޅުމަށް ބޭނުންކުރަނީ އެދަނޑުކަމަށް ރިޔާޒް ހާމަކުރެއްވިއެވެ.
ރަށަކީ ކުޅިވަރަށް ލޯބިކުރާ އާބާދީއެއް އޮންނަރަށެއްކަމުން އަލަށް ތަރައްޤީކުރަމުންދާ ދަނޑުތަކާއެކު ރަށުގެ ޒުވާނުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެކަމަށް އޭނާ ހާމަކުރެއްވިއެވެ.
"މިހާރު އޮތީ އެންމެ ދަނޑެއް. އެހެންވީމާ އެދަނޑު ބޭނުންކުރަންޖެހެނީ ކިއުގަ ޖެހިގެން. އަލަށް ތަރައްޤީކުރެވޭ ދަނޑުތަކާއެކު މިކަމަށް ހައްލެއް ލިބިގެންދާނެ" ލ. ފޮނަދޫ ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
ލ. ފޮނަދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫއެކެވެ. ފޮނަދޫގައި އަލަށް ތަރައްޤީކުރެވޭ ދެ ފުޓްސަލް ދަނޑާއެކު، ކުޅިވަރުގެ ދާއިރާއިން ރަށަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ގަބޫލުކުރެވޭއިރު، މިއީ ލ. ފޮނަދޫގައި ކުޅިވަރު ކުރިއެރުވުމަށް ކޮށޭ މުހިންމު މަގެއްކަމަށް ކައުންސިލުން ދެކެލައްވައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނުނިމިހުރި ކުޅިވަރުގެ މަޝްރޫއުތައް ކުރިއަށް މިއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން ވައުދުފުޅެކެވެ.