ޚަބަރު

ޒުވާނުންގެ ނާޖާއިޒު ފައިދާ ނަގައި، ޤައުމު ހަލަބޮލިކުރަން ޖާގަ ނުދެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި


  • ޒުވާނުން ފާޅުކުރަމުންދާ ކަންބޮޑުވުންތައް އަޑު އައްސަވާނެކަމަށް ވިދާޅުވި

  • ޒުވާނުންގެ ޝުޢޫރުތައް އަޑު އެހުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވި

ޒުވާނުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކުގެ ނާޖާއިޒު ފައިދާ ނަގައި، ޤައުމު ހަލަބޮލިކުރުމުގެ ޖާގަ އިދިކޮޅު ފަރާތްތަކަށް ނުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މިހެން އިލްތިމާސްކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިމަހުގެ 18ވަނަ ދުވަހު ގެއެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަޙުޤީޤާ ގުޅޭގޮތުން ބައެއް ޒުވާނުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހި ޤައުމުގެ ހަމަޖެހުމާއި އަމާންކަމާއި ކުރިއެރުމަށްޓަކައި ނިންމަވަން ޖެހުނު ކޮންމެ ނިންމެވުމެއްވެސް ނިންމަވާނެ ކަމަށެވެ. އަދި ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓިފައި އޮތް މައްސަލައާ ގުޅިގެން ޒުވާނުން ފާޅުކުރަމުންދާ ކަންބޮޑުވުންތައް އަޑު އައްސަވާނެކަމަށާއި އެފަރާތްތަކުގެ ޝުޢޫރުތައް އަޑު އެހުމަށް ތައްޔާރަށް ހުންނެވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ޤައުމުގައި ހަމަޖެހުމާއި ހަލަބޮލިކަން އުފައްދަން ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި ޒުވާނުންގެ ކަންބޮޑުވުންތަކުގެ ނާޖާއިޒު ފައިދާ ނަގައި، ޤައުމު ހަލަބޮލިކުރަން މަސައްކަތް ނުކުރެއްވުމަށް އިދިކޮޅު ފަރާތްތަކަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

"ކަންކަން އަޑު އެހުމަށް އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން. ކަންކަމާ ކުރިމަތިލައި ތަހުޒީބުކަމާއެކީ ޖަވާބުދާރީ ވާނަން. ކަންކަން ކުރާނީވެސް ތަހުޒީބުގެ މަގުން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހެޔޮ ނިޔަތުގައި ކަންކަން ރަނގަޅުކުރުމަށް އަންނަ ބައެއްގެ ކަންބޮޑުވުންތަކާއި އެ މީހުން ފާޅުކުރާ ޝުޢޫރުތަކަށް ފުރިހަމައަށް އިޖާބަދެއްވާނެ ކަމަށެވެ.