ތަޢުލީމު

އެމްކިޔުއޭއިން ރިކޮގްނިޝަން ތައްގަނޑު ޖެހުން ހުއްޓަވާލައްވަނީ


މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޖަހައިދެއްވަމުން ގެންދެވި ރިކޮގްނިޝަން ތައްގަނޑު ޖަހައިދެއްވުން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުއްޓަވާލެއްވުމަށް ނިންމަވައިފިއެވެ.

އެއޮތޯރިޓީން މިގޮތަށް ނިންމެވީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމު ދޭ  މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް ތައްޔާރުކޮށް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހުއްދައާއެކު ހިންގާ ޕްރޮގްރާމްތަކަށްވެފައި، އެ ޕްރޮގްރާމް ނިންމައި، ދަސްވެނިވާ ދަރިވަރުންނަށް ސަނަދު ދެއްވަނީވެސް އެމްކިޔޫއޭއިންކަމަށްވާތީއެވެ.

ރާއްޖޭގައި މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގަވާ ޕްރޮގްރާމްތަކުގެ ސަނަދުތަކުގައި ރެކޮގްނިޝަން ތައްގަނޑު ޖެހުން ހުއްޓަވާލައްވަން ނިންމެވުމާ ގުޅިގެން މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީއާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ކޯސް ފުރިހަމަކުރުމަށްފަހު ލިބޭ ސެޓްފިކެޓްގައި ރެކޮގްނިޝަން ތައްގަނޑު ޖަހަން ޖެހުމަކީ ރައްޔިތުންނަށް ކުރިމަތިވާ ބޮޑު ތަކްލީފެއް ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން އަތޮޅުތެރެއިން ސިވިލްސަރވިސްގައި މަސައްކަތް ކުރައްވަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.