ސިޔާސީ

ރައީސް މައުމޫންގެ ނިންމެވުން ބާޠިލްކުރުމަށް ހުށައެޅި މައްސަލަ


ޕީޕީއެމްގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ހުއްދަނެތި އެ ޕާޓީގެ އެއްވެސް ކޮމެޓީއެއްގެ ބައްދަލުވުން ނުބޭއްވުމަށް ރައީސް މައުމޫން ނިންމަވާފައިވާ ނިންމެވުމަށް ޢަމަލުކުރުން ފަސްކުރުމަށް އަންގާ އަމުރުނެރުއްވުމާމެދު ގޮތެއް ނުނިންމެވުމަށް ސިވިލްކޯޓްގެ މައްސަލަތަކުގެ މަޝްވަރާގެ މަރުޙަލާއިން ކަނޑައަޅައިފިއެވެ.

މިމައްސަލައަކީ، ރައީސް މައުމޫންގެ ނިންމެވުން ބާޠިލްކޮށްދެއްވުމަށް އެދިވަޑައިގެން ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ދެ މެމްބަރަކު ހުށައެޅުއްވި މައްސަލައެކެވެ. އެ ދެމެންބަރުންނަކީ، ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމްއެވެ.

މި މައްސަލަ އަދި އޮތީ ދެފަރާތުގެ ޞުލްޙަވެރި ޙައްލެއް ހޯދުމުގެ މަރުޙަލާގައެވެ. މި މަރުޙަލާގެ ފުރަތަމަ ބައްދަލުވުން މިއަދު ވަނީ ބާއްވަވާފައެވެ.

ޞުލްޙަވެރިކަމާއެކު ވާހަކަދައްކައިގެން ޙައްލުކުރުމަށް ކުރިޔަށް މި ގެންދެވުނު މަރުޙަލާގައި ޙައްލެއް ނުލިބިއްޖެނަމަ، ދެން އޮންނާނީ ކޯޓްގެ ރަސްމީ އަޑުއެހުންތަކުގެ މަރުޙަލާއެވެ.

ރައީސް މައުމޫންގެ ނިންމެވުން ބާތިލްކޮށްދެއްވުމަށް އެދިވަޑައިގެން ދެ ބޭފުޅަކު ކޯޓަށް މައްސަލަ ހުށައަޅުއްވާފައިވާއިރު، އެމަނިކުފާނުގެ ހުއްދައެއް ނެތި ކޮމެޓީތައް ނުބޭއްވުމަށް ނިންމެވި ނިންމެވުން ނަންގަވާ ކޮމެޓީތައް ބޭއްވުމުގެ ހުއްދަ މިދިޔަ ހަފުތާތެރޭގައި ވަނީ ދެއްވާފައެވެ.