އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެއްޖެ އެވެ.
މި މެޗުން ޗެލްސީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 34 މެޗުން 60 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. އެވަޓަން އަށް ލިބިފައިވާ 38 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 14 ވަނައިގަ އެވެ.
މި ނަތީޖާ އާއިއެކު ޗެލްސީއަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް އެ ޓީމުން ކުރަމުންދާ މަސައްކަތަށް ވަނީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފަ އެވެ. ހަވަނައިގައި އޮތް ނޮޓިންހަމް އަށް އެއް މެޗު މަދުން ކުޅެގެން 60 ޕޮއިންޓް ލިބިފައިވާއިރު މިއަދު އެ ޓީމު ކުޅޭ މެޗުން މޮޅުވެއްޖެނަމަ ޗެލްސީ ހަވަނައަށް ވެއްޓޭނެ އެވެ. އަދި ލީގުގައި ކުރިއަށް އޮތް 4 މެޗުން ރަގަޅު ނަތީޖާތަކެއް ހޯދައިގެން ނޫން ގޮތަކަށް އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ނުލިބޭނެ އެވެ.
ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗުގެ 27 ވަނަ މިނިޓުގައި ޗެލްސީއަށް ލަނޑު ޖަހައިދީފައިވަނީ އެންޒޯ ފެނާންޑޭޒް ދިން ޕާހަކުން ނިކޮލަސް ޖެކްސަން އެވެ.
މި މެޗުގައި އެވަޓަންގެ ބެޓޯ އަދި ޑްވައިޓް މެކްނޭލް ފޮނުވާލި ނުރައްކާތެރި ދެ ހަމަލައެއް ޗެލްސީގެ ގޯލުކީޕަރު ރޮބަޓް ސަންޗޭޒް ވަނީ މަތަކޮށްފަ އެވެ.
އަދި މެޗުގެ ދެވަނަ ހާފުގައި ނިކޮލަސް ޖެކްސަން އިތުރު ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.
މި މެޗަށް ޗެލްސީ ނިކުތްއިރު އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ސަސްޕެންޑް ކޮށްފައިވާތީ އޭނާ މެޗު ބަލާފައިވަނީ ސަޕޯޓަރުންގެ ތެރޭގައި ހުރެގެންނެވެ.
ލީގުގައި އަންނަ ހަފްތާގައި ތާވަލުގެ ކުރީގައި އޮތް ލިވަޕޫލް އާއި ދެކޮޅަށް ޗެލްސީ ނިކުންނައިރު ދެން އެ ޓީމު ނިކުންނާނީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ނިއުކާސަލް އާއި ދެކޮޅަށެވެ. އަދި އެއަށްފަހު މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުމަށްފަހު ލީގުގެ ފަހު މެޗުގައި ޗެލްސީ ނިކުންނާނީ ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށެވެ.