ޚަބަރު

މުބާރާތެއް އޮވެއްޖެއްޔާ ނިކުންނާނަން، ފުޓްބޯޅަ އޮޔާދާން ދޫކޮށެއްނުލެވޭނެ: އޮޑި


ފުޓްބޯޅަ މުބާރާތެއް އޮވެއްޖެއްޔާ އޮޑި ސްޕޯޓްސް ކުލަބު ނިކުންނާނެ ކަމަށާއި، މިހާރުވެސް މިދަނީ ފަރިތަކުރުންތައް ބާއްވަމުން ކަމަށް އޮޑި ސްޕޯޓްސް ކުލަބުން ބުނެފިއެވެ.

ހުކުރު ދުވަހުގެ ރޭ އޮޑި ސްޕޯޓްސް ކުލަބު އެކަޑަމީ އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި އެފްއޭއެމުން މިމަހު 30 ގައި ފަށާ މުބާރާތަށް އިޝާރާތް ކުރަމުން އެ ކުލަބުގެ ސެކްރެޓަރީ ޖެނެރަލް އަލީ ޝިފާޒް ބުނީ ފުޓްބޯޅައިގެ ހާލަތަށް ބަލާއިރު އިވެނީ އުންމީދެއްނެތް ގިނަ ވާހަކަތެއް ކަމަށެވެ.

އެހެންނަމަވެސް ހުއްޓިގެން ތިބެގެން ވާން ނެތް ކަމަށާއި، ފުޓްބޯޅަ އޮޔާދާން ދޫކޮށްލައިގެން ތިބެންވެއްޖެނަމަ މުސްތަގުބަލުގައި މިތިބި ތުއްތު ކުދިންނަށް ކޮންމެވެސް ޖަވާބެއް ދޭން ޖެހޭނެ ދުވަހެއް އަންނާނެ ކަމަށް އޭނާ ބުންޏެވެ.

ޝިފާޒް ބުނީ ފުޓްބޯޅައަށް އައިސްފައިވާ ގޮންޖެހުންތައް ހައްލުކުރެވޭނެ މާހައުލެއް ގާއިމުކޮށްގެން ނޫނީ ފުޓްބޯޅަ ކުޅެވެން ނެތްކަމަށާއި، އެހެންނަމަވެސް ފުޓްބޯޅަ ދޫކޮށްލެވެންވެސް ނެތްކަމަށެވެ.

"މިކަހަލަ ހާލަތެއްގައި މިއޮތީ، އަޅުގަނޑުމެން އަޅާނީ މި ގޯޅިންތޯ އެގޯޅިންތޯ މާދަމާވާނީ ކިހިނެތްކަންވެސް ނޭންގޭ ހާލަތުގައި. އެހެންނަމަވެސް ބެލެނިވެރިން ވަރަށް ބުރަކޮށް މަސައްކަތް ކުރޭ އެމީހުންނަށް ފުޓްބޯޅައިން ރަނގަޅުގޮތެއް ވޭތޯ" ކަމަށް ޝިފާޒް ބުންޏެވެ.

އޭނާ ބުނީ ކޮންމެ ކުއްޖަކީ އިލްމަށް އެހާ މޮޅު ކުއްޖަކަށް ނުވެދާނެ ކަމަށާއި އެހެންނަމަވެސް ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިއަކަށް ވެދާނެ ކަމަށެވެ. އެހެންވީމަ އެކުއްޖެއްގެ އެހުރި ހުނަރެއްގެ ދާއިރާއަކުން އެކުއްޖަކު ކުރިޔަށް ގެންދިއުން މުހިންމު ކަމަށް ޝިފާޒް ފާހަގަކުރިއެވެ.

އޮޑި ސްޕޯޓްސް ކުލަބުން އެކަޑަމީއެއްވެސް އުފެއްދީވެސް ފުރަތަމަ ޑިވިޝަނުގެ ކުލަބެއްގެ ހައިސިއްޔަތުން ފުޓްބޯޅައަށް އަދި ހާއްސަކޮށް މި ކުޅިވަރުގެ މުސްތަގުބަކަށް ހިދުމަތް ކުރުމަށް ކަމަށް އޮޑި ސްޕޯޓްސްގެ ސެކެއްޓްރީ ޖެނެރަލް ބުންޏެވެ.

ހުކުރުދުވަހުގެރޭ ލޯންޗްކުރި އޮޑި ސްޕޯޓްސް ކުލަބުގެ އެކަޑަމީއާއި ގުޅޭ ގޮތުން ޝިފާޒް ބުނީ އެކަޑަމީއެއް އުފެއްދުމުގެ ވާހަކައަކީ ފުރަތަމަ ޑިވިޝަނަށް އައުމުގެ ކުރިންވެސް ދެކެވުނު ވާހަކައެއް ކަމަށެވެ.

"މާދަމާ އަދި ފުޓްބޯޅައަށް ވާނެ ގޮތެއް ނޭންގުނަސް ވަރަށް ހުނަރުވެރިން ކުދިންއެބަތިބި، އެކުދިންނަށް ފަހި ފުރުސަތުތަކެއް ހޯދައިނުދީ އަޅުގަނޑުމެން ހަމަ އަނެއްކާވެސް މާދަމާ އަޅުގަނޑުމެން ފުޓްބޯޅަ ކުޅޭތީ ނުވަތަ ނޫންތޯ އެކަމާއި މަޝްވަރާ ކުރަން އަޅުގަނޑުމެންގެ ވަގުތުތައް ބޭކާރުކޮށްލެވެން ނެތީމަ މިކަން މި ފެށީ" ޝިފާޒް ބުންޏެވެ.

އެހެންގައުމުތަކުގައި ހިންގާހެން އެކަޑަމީއެއް ހިންގޭނެ ވަސީލަތްތަކެއް ރާއްޖޭގައި އަދި ނެތްކަމަށާއި، އެކަމަކުވެސް ލިބިފައިވާ ވަސީލަތްތަކާއި އެކު ދަނޑުން ބޭރުން ކޯޓަށް އެހީތެރިކަންދީ ހިތްވަރުދީ ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށް އޭނާ ބުންޏެވެ. އޮޑި ސްޕޯޓްސް ކުލަބު އެކަޑަމީގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ފަރީދެވެ. ޝިފާޒް ބުނީ އެކަޑަމީގެ ހުރިހާ އިހުތިޔާރެއް ދޫކޮށްލާފައިވާނީ ކޯޗުގެ އަތްމައްޗަށް ކަމަށެވެ.

އެކަޑަމީތަކުން އެންމެ ފޯރީގައި ކޮންމެއަހަރަކުވެސް ތައްޔާރުވާ މުބާރާތްތަކުގެ ތެރެއިން މިއަހަރު އެންމެ އަވަހަށް އޮންނާނީ މައިލޯ ފިއެސްޓާއަށެވެ. މި މުބާރާތުގައި އޮޑި ސްޕޯޓްސް ކުލަބުގެ ޓީމެއް ވާދަކުރާނެއެވެ.

އޮޑި ސްޕޯޓްސް ކުލަބުގެ އެކަޑަމީ ލޯންޗުކުރިއިރު، އެ ޓީމުން ވަނީ އެންމެ ފަހުން ބޭއްވި ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެފައެވެ. އަދި އޭފްރީލު 30 ގައި ފަށަން އެމްއޭއެމުން މަސައްކަތްކުރާ ވާދަވެރި ފުޓްބޯޅަ މުބާރާތަށް އެކުލަބުން އަންނަނީ ފަރިތަކުރަމުންނެވެ. ސީނިއާ ޓީމަށް އިރުޝާދުދެނީ އޮސްޓްރޭލިއާގެ ކޯޗު އިއަން އެންޑްރޫ ގިލަންއެވެ.

ކޯޗުގެ ގިލަންގެ އުންމީދަކީ މި އަހަރު ފުޓްބޯޅަ ސީޒަން ފަށާނަމަ ސީޒަން ނިމިގެންދާއިރު އޮޑި ސްޕޯޓްސް ކުލަބުން އުފެދޭ ހުނަރުވެރި ޒުވާން ކުޅުންތެރިންނަށް ގައުމީ ޓީމުން ޖާގަ ލިބުން ކަމަށް މީގެ ކުރިން އޭނާ ވަނީ ބުނެފައެވެ.