ކުޅިވަރު

ގައުމީ ވޮލީ ލީގު: ޖީޖީ ބަލިކޮށް ޕޮލިސް ލީގު ހޯދުމާ ގާތަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ އަންހެން ޑިވިޝަނުގައި ގުޑް ގޭމްސް ސްޕޯޓްސް އެކެޑަމީ ބަލިކޮށް، ލީގު ހޯދުމާ ގާތަށް ޕޮލިސް ކުލަބު ޖެހިލައިފިއެވެ. މި މެޗުން މޮޅުވުމާއެކު ހަ ޓީމު ވާދަކުރާ ލިގުގެ އެއްވަނަ ޕޮލިސް ކުލަބުން ދެމެހެއްޓީ 12 ޕޮއިންޓް ހޯދައިގެންނެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުން ޕޮލިސް ކުލަބު މޮޅުވީ ސީދާ ތިން ސެޓުންނެވެ. ލީގުގެ ހުރިހާ މެޗެއް ކާމިޔާބުކުރަމުން އައި ޕޮލިސް ކުލަބުން މިއަދުގެ މެޗަށްވެސް ނުކުތީ އިތުބާރާއެކުއެވެ.

މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން ކާމިޔާބުކުރީ 25-19 އިންނެވެ. ފަހު ދެ ސެޓު ޕޮލިހުން ގެންދިޔައީ 25-22 އަދި 20-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ގްރެޒީލްއެވެ.

މި މެޗުން ބަލިވުމާއެކު ގައުމީ މުބާރާތަށް ކޮލިފައިނުވެ ޖީޖީ ވަނީ ކަޓާފައެވެ. އެ ޓީމު ލީގުގައި މޮޅުވެފަވަނީ ދެ މެޗުންނެވެ. ގައުމީ ލީގުގެ ގަދަ ހަތަރު ޓީމަށް ގައުމީ މުބާރާތުން ފުރުސަތު ލިބިގެންދާއިރު، މި ސީޒަންގެ ގައުމީ ލީގުގެ އަންހަން ޑިވިޝަންގެ ފަހު މެޗު އޮންނާނީ މާދަމާރެއެވެ. ލީގުގެ ފަހު މެޗުގައި ޕޮލިސް ނުކުންނާނީ ވެމްކޯއާ ދެކޮޅަށެވެ. ލީގު ޗެމްޕިއަން ޓީމު ކަނޑައެޅިގެންދާނެ މެޗަކީވެސް މިއީއެވެ.