ޚަބަރު

ފަތުރުވެރިކަމަށް ޒުވާނުން ނެރުމަކީ ސަރުކާރުގެ އަމާޒެއް


ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާއަދާކުރާ ހުރިހާ މުވައްޒަފުންނަކީވެސް ދިވެހިންކަމުގައި ހެއްދެވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ނާއިބް ރައީސް ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ނާއިބް ރައީސް މިހެން ވިދާޅުވީ، އަނަންތާރާ ރިސޯޓްތައް ހިންގާ މައިނަރ ހޮޓެލްސްގެ ފަރާތުން ހިންގި އެކްސްޕްލޯރާ ގްރެޖުއޭޝަން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މައިނަރ ހޮޓެލްސްގެ ފަރާތުން ހިންގި މި ޕްރޮގްރާމަކީ ސްކޫލް ނިންމާ ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހަދައި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ވަޒީފާތަކަށް މުޅިން އަލަށް ވަންނަން ބޭނުންވާ ޒުވާނުން އަހުލުވެރިކުރުވުމެވެ.

މި ޕްރޮގްރާމް ފުރިހަމަކުރި ޒުވާނުންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ޢަބްދުﷲ ޖިހާދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ދިވެހިންނަށް ހެއްދެވުންކަމަށް ވުމާއެކު އެއަމާޒަށް ވާޞިލްވެވަޑައިގަތުމަށް ކުރެވޭ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14687670738323.jpg|މައިނަރ ހޮޓެލްސްގެ ފަރާތުން ހިންގި އެކްސްޕްލޯރާ ގްރެޖުއޭޝަން ރަސްމިއްޔާތުގެތެރެއިން- ފޮޓޯ: ޕިއެސްއެމް

ނާއިބް ރައީސްގެ ވާހަކަފުޅުގައި،  މިފަދަ ޕްރޮގްރާމްތައް ފުރިހަމަކޮށް ވަޒީފާގެ ބާޒާރަށް މުޅިން އަލަށް ނިކުންނަ ޒުވާނުން މަސައްކަތު ގަޑިޔަށް ފަރުވާތެރިވުމަށާއި ޚާއްޞަކޮށް ވަޒީފާގެ މައިދާނުގައި  މަސައްކަތުގެ އަޚްލާޤު ހިފެހެއްޓެމަށް އެދިވަޑައިގެންނެވިއެވެ.

އެއްއަހަރު ދުވަހުގެ މުއްދަތަށް މައިނަރ ހޮޓެލްސްއިން ހިންގި މިޕްރޮގްރާމް މިއަހަރު ސަތާރަ ކުއްޖަކު ފުރިހަމަކޮށް ސެޓްފިކެޓް ޙާޞިލްކުރިއެވެ. މީގެތެރެއިން ބައެއް ކުދިންނަށް މިހާރު މައިނަރ ހޮޓެލްސްގައި ވަޒީފާ ހަމަޖެހިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އަނަންތާރާ މޯލްޑިވްސްގެ ޓްރޭނިންގ މެނޭޖަރ މުޙައްމަދު ޔަމާނީ ވިދާޅުވީ، މި ޕްރޮގްރާމްގެ ތެރެއިން ހޮޓެލް މެނޭޖްމަންޓާއި، ކަލިނަރީ އަދި އެފްއެންޑްބީއާ ގުޅޭ ޢިލްމާއި ހުނަރު ބައިވެރިންނަށް ލިބިދީފައިވާ ކަމަށެވެ. މުޅިން އަލަށް މިއަހަރު މި ޕްރޮގްރާމާ ގުޅޭ ބައިވެރިންނަށް ވަނީ އެކަމުގެ ލިޔުން މި ރަސްމިއްޔާތުގައި ވަނީ ޙަވާލުކޮށްފައެވެ. މިއީ މައިނަރ ހޮޓެލްސްގެ ފަރާތުން މި ޕްރޮގްރާމް ހިންގާ 3 ވަނަ ފަހަރެވެ.

އެ ކުންފުނިން ރާއްޖޭގައި ހިންގާ ރިސޯޓްތަކުގެ ތެރޭގައި، އަނަންތާރާ ދިގުރަށް، އަނަންތާރާ ނަލަދޫ، އަނަންތާރާ ކިހާވަރް، ޕާރ އެކުއޭރިއަމް ހުވަފެންފުށި އަދި ޕާރ އެކުއޭރިއަމް ނިޔާމަ ހިމެނެއެވެ. އެކުންފުނިން ދަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި 146 ހޮޓެލް ހިންގަމުންނެވެ.