ޚަބަރު

ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ޙަރަކާތްތައް ފަށައިފި


ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ހަރަކާތްތައް މިއަދު ފައްޓަވައިފިއެވެ.

ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގައި ޝަރުޢީ ދާއިރާއަކީ މީޑިއާ ރައްޓެހި ދާއިރާއެއްގެ ގޮތުގައި ހެއްދެވުމަށް ގިނަ ހަރަކާތްތަކެއް ހިންގެވުމަށް ރާއްވަވާފައިވެއެވެ. އެގޮތުން މިއަދު ހެނދުނު ވަނީ ކޯޓްތަށް ވީޑިއޯ ކުރެއްވުމުގެ ފުރުޞަތު މީޑިއާތަކަށް ދެއްވާފައެވެ. އަދި "އަތް ހަމަކޮށްލުން" މިނަމުގައި ޝަރުޢީ ދާއިރާގެ ބޭބޭފުޅުން މީޑިއާތަކުގެ ބޭބޭފުޅުންނާ ބައްދަލުކުރައްވައި އެކުވެރިކަން ބަދަހިކުރައްވާފައިވެއެވެ. މީގެ އިތުރުން ކޯޓްތަކާ ގުޅޭ މައުލޫމާތު ދެއްވުމާއި ކޯޓްތަކުގެ ތަންތައް މީޑިއާތަކުގެ ބޭބޭފުޅުންނަން ދައްކާލެއްވުމުގެ ހަރަކާތައްވެސް މިއަދު ކުރިއަށް ގެންގޮސްފައިވެއެވެ.

ޝަރުޢީ ދާއިރާއާއި މީޑިއާތަކާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރެއްވުމާއި، މީޑިއާގެ މިނިވަންކަން ދެމެހެއްޓެވުމާއި، ބިނާކުރަނިވި މީޑިއާ ވެއްޓެއް ޤާއިމުކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އެދާއިރާގެ އިސްބޭބޭފުޅުން މީޑިއާ ކަންސިލާ ބައްދަލުކުރެއްވުމަށް މިއަދު ހަމަޖައްސަވާފައިވީނަމަވެސް މީޑިއާ ކައުންސިލްގެ މެންބަރުން ބައްދަލުވުމަށް ހާޟިރު ނުވުމުގެ ސަބަބުން މިބައްދަލުވުން ކެންސަލް ކުރައްވާފައިވާ ކަމަށް ޖުޑީޝަރީން މައުލޫމާތުދެއްވައެވެ. ޝަރުޢީ ދާއިރާގެ އޯޕަން ހައުސް މީޑިއާ ވީކްގެ ނަމުގައި ކުރިއަށްގެންދަވާ މި ހަރަކާތަކީ ޖުޑީޝަރީ އަހަރު 2016 ފާހަކުރެއްވުމުގެ ތެރޭގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ހުށައެޅުއްވުމަކަށް ކުރިއަށްގެންދަވާ ހަރަކާތެކެވެ.

މި ހަފްތާގެ ތެރޭގައި ޖުޑީޝަރީން މީޑިއާއާ ގުޅުން ބަދަހި ކުރެއްވުމުގެ ގޮތުން ބޮރޯޑްކާސްޓިން ކޮމިޝަނާއި، ޕަބްލިކް ސަރވިސް މީޑިއާގެ އިސްވެރިންނާއި ޝަރުޢީ ދާއިރާގެ އިސްވެރިން ބައްދަލުކުރެއްވުމަށް ހަމެޖެހިފައިވެއެވެ. މީގެ އިތުރުން މީޑިއާގެ ފަރާތްތަކަށް ޚާއްޞަކޮށްގެން މަސައްކަތު ބައްދަލުވުމެއްވެސް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. މިހަރަކާތްތައް މިހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.