ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ އަންހެން ޑިވިޝަނުގައި ފްލެކްސަރ ސްޕޯޓްސް ކުލަބު ބަލިކޮށް، ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމުގެ އުއްމީދު ގުޑް ގޭމްސް ސްޕޯޓްސް އެކެޑަމީން ދަމަހައްޓައިފިއެވެ. ޒުވާނުން މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗުން ޖީޖީ ސްޕޯޓްސް އެކެޑަމީ މޮޅުވީ ތިން ސެޓު ދެ ސެޓުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25-20 އިން ކާމިޔާބުކޮށްފައިވަނީ ފްލެކްސަރ އިންނެވެ. އެކަމަކު ޖީޖީން ވަނީ ކުޅުން ރަނގަޅުކޮށް އަނެއް ދެ ސެޓު ގެންގޮސްފައެވެ. އެގޮތުން މި ސެޓުތައް ޖީޖީން ކާމިޔާބުކޮށްފައިވަނީ 25-16 އަދި 26-24 އިންނެވެ.
ނަމަވެސް މެޗުގެ ހަތަރުވަނަ ސެޓުގައި ފްލެކްސަރ އިން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ވަނީ މި ސެޓު 25-20 އިން ގެންގޮސްފައެވެ. އެއާއެކު ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 16-14 އިން ކާމިޔާބުކޮށްފައިވަނީ ޖީޖީންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖީޖީގެ ބިދޭސީ ކުޅުންތެރިޔާ ރޯލީ ޕާޓަކްއެވެ.
މި މޮޅާއެކު ތާވަލުގެ ފަސްވަނައިގައި އޮތް ޖީޖީން ވަނީ ކުޅުނު ހަތަރު މެޗުން ހަތަރު ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އޮތް ހުރާ ކޮމިއުނިޓީ ކުލަބާއި، ތިންވަނައިގައި އޮތް ފްލެކްސަރއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، އެ ދެ ޓީމަށް ވަނީ ލީގު ބުރުގެ ކުޅުން ނިމިފައެވެ. އަދި ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯއަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ވީއޭއެމް ކަޕުގެ ގަދަ ހަ ޓީމު ވާދަކުރަމުން އަންނައިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ލީގުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ. އަދި ލީގަށްފަހު އޮންނަ ގައުމީ މުބާރާތުން ފުރުސަތު ލިބިގެންދާނީ ލީގުގެ ގަދަ ހަތަރު ޓީމަށެވެ.