ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމްކުރައްވައިގެން ބޭއްވެވި ރޯސް ލައިން 5 ވަނަ ޤުރުއާން މުބާރާތުން 1 ވަނަ މަދަރުސަތުއްޝައިޙް މުޙައްމަދު ޖަމާލުއްދީން ހޯދައިފިއެވެ.
ފުވައްމުލަކުގައި ޤުރުއާން ދިރުވާ އާލާކުރުމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން ބޭއްވި ޤުރުއާންކިޔެވުމުގެ މުބާރާތުން، މަދަރުސަތުއް ޝައިޙް މުޙައްމަދު ޖަމާލުއްދީން ސްކޫލަށް 1 ވަނަ ލިބިފައިވާއިރު މުޅިމުބާރާތުން 1 ވަނަ ހޯދާފައިވާ ދަރިވަރަކީވެސް އެސްކޫލުގެ ދަރިވަރެކެވެ. އެއީ އެސްކޫލުގެ ފާތިމަތު އަނާއެވެ. އޭނާ ވަނި މުޅި މުބާރާތުގެ 1 ވަނަ އާއި މުޅި މުބާރާތުން ސްކޫލްތަކުގެ ބަލައިގެން ކިޔުމުގެ ބައިން ވެސް 1 ވަނަ ހޯދާފައެވެ. img:http://s2.psmnews.mv/images/660x400/14687407941026.jpg|ރޯސް ލައިން ފަސްވަނަ ޤްރުއާން މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް
މުބާރާތުގެ ނުބަލާ ކިޔުމުގެ ގޮފިން 1 ވަނަ ހޯދީ ފުވައްމުލަކް ސްކޫލްގެ އާމިނަތު ޔޫހާ ޙުސައިން އެވެ. މި މުބާރާތުގައި ޖަމްޢިއްޔާތަކުގެ ބައިން 1 ވަނަ ހޯދީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ އާއިޝަތު އަބްދުއްﷲ އެވެ. މުޅި މުބާރާތުން ދެވަނަ ހޯދީ ޏ.އަތޮޅު ތައުލީމީ މަރުކަޒެވެ. އަދި 3 ވަނަ ހޯދީ ފުވައްމުލަކު ސްކޫލެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލުން އިންތިޒާމް ކުރައްވައިގެން ބޭއްވެވި ރޯސްލައިން 5 ވަނަ ޤުރުއާން މުބާރާތް ކުރިއަށް ގެންދިޔައީ 3 ދުވަހުގެ މުއްދަތަށެވެ. ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒްގައި ކުރިއަށްދިޔަ މި މުބާރާތުގައި 116 ދަރިވަރުން ބައިވެރިވިއެވެ. މިމުބާރާތުގެ ނަތީޖާ ފާޅުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި މި މުބާރާތުން އެކި ވަނަވަނަ ހާސިލް ކުރި ދަރިވަރުންނަށް ވަނީ އިނާމާއި ހަނދާނީ ލިޔުން ޙަވާލު ކޮށް ދެއްވާފައެވެ. ކޮންމެ ގޮތްޕަކުން އެންމެ މޮޅު 5 ދަރިވަރުންނާއި މުބާރާތުގެ އެންމެ މޮޅު 15 ދަރިވަރުންވެސް ހޮވާފައިވެއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ފަލާޙް ޝަރީފް ވިދާޅުވީ އެރަށުގައި ކުރިއަށްދާ ޤުރުއާން ޓީޗަރުންގެ ޑިޕްލޮމާ ޕްރޮގްރާމް ނިމޭއިއަށް ޤުރުއާން ޓީޗަރުންގެ ޑިގްރީ ޕްރޮގްރާމް ފައްޓަވާނެ ކަމަށެވެ.
" އަޅުގަނޑުމެންނަށް ލިބެމުންއަންނަ އެއް ކާމިޔާބީއަކީ ދިވެހި ސަރުކާރުން އިޢުލާން ކުރައްވާފައިވާ އެއް ސިޔާސަތެއް އެއީ ޤުރުއާން މުދައްރިސުން ތަމްރީން ކުރުން. މިއަދު އަޅުގަނޑުމެން ފުވައްމުލަކު އަތޮޅު ކައުންސިލުން ފަޚްރުވެރިކަމާއެކު މި ދަންނަވަނީ އެސިޔާސަތަށް މާލެ ފިޔަވާ ޑިޕްލޮމާ ފެންވަރަށް 27 ޓީޗަރުން ތަމްރީން ކުރާ ފުރަތަމަ އަތޮޅަކީ ފުވައްމުލަކޭ. އެއީ ހަމަ ގާއިމުވެސް ފުވައްމުލަކުގެ ކޮންމެ މީހަކުވެސް އުފާ ކުރާނެކަމެއް. މާލެ ފިޔަވާ ފުވައްމުލަކުން 27 ޤްރުއާން މުދައްރުސުން ޑިޕްލޮމާ ފެންވަރަށް" އަބްދުﷲ ފަލާހް ވިދާޅުވިއެވެ.
ރޯސްލައިން 5 ވަނަ ޤްރުއާން މުބާރާތް ކުރިއަށް އޮތް 5 އަހަރަށްވެސް ރޯސް ލައިންއިން ސްޕޮންސަރ ކޮށްދެއްވާފައިވާކަމަށް ފުވައްމުލަކު އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވައެވެ. މުބާރާތުގެ ވަނަވަނަ ހޯދި ދަރިވަރުންގެ އިތުރުން މުބާރާތް އަޑުއަހަން ހާޒިރުވި ފަރާތްތަކުގެ މެދުގައި ޤުރުއަތުން ހޮވުނު ފަރާތްތަކަށްވެސް ވަނީ އިނާމް ދެއްވާފައެވެ.