ކުޅިވަރު

ގައުމީ ވޮލީ ލީގު: ހުރާ ބަލިކޮށް ޕޮލިސް ކުލަބު ކުރިއަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ގައުމީ ވޮލީބޯޅަ ލީގު 2025 ގެ އަންހެން ޑިވިޝަނުގައި ކުޅުނު ތިންވަނަ މެޗުންވެސް ޕޮލިސް ކުލަބު މޮޅުވެއްޖެއެވެ. ޒުވާނުން މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުން ޕޮލިސް ކުލަބު މޮޅުވީ، ހުރާ ކޮމިއުނިޓީ ކުލަބާ ވާދަކޮށް ތިން ސެޓު އެއް ސެޓުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ޕޮލިސް ކުލަބުން ވަނީ ފުރަތަމަ ސެޓު 25-21 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ވާދަވެރި ކުޅުމަކަށްފަހު މެޗުގެ ދެވަނަ ސެޓު 25-23 އިން ގެންގޮސްފައިވަނީ ހުރާ ޓީމުންނެވެ.

އެކަމަކު އަނެއް ދެ ސެޓުގައި ޕޮލިސް ކުލަބުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން އެ ސެޓުތައް ކާމިޔާބުކޮށްފައިވަނީ 25-16 އަދި 25-15 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކުލަބުގެ އާމިނަތު އަރީޝާއެވެ.

މި މެޗުން ޕޮލިސް މޮޅުވިއިރު، އެ ޓީމުން ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ. އެއާއެކު ތާވަލުގެ އެއްވަނައިގައި ޕޮލިސް އޮތީ ނުވަ ޕޮއިންޓާއެކުއެވެ. އަދި މެޗުން ބަލިވި ހުރާ އޮތީ ތާވަލުގެ ތިންވަނައިގައި ހަތަރު ޕޮއިންޓާއެކުއެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ވީއޭއެމް ކަޕުގެ ގަދަ ހަ ޓީމު ވާދަކުރަމުން އަންނައިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ލީގުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ. އަދި ލީގަށްފަހު އޮންނަ ގައުމީ މުބާރާތުން ފުރުސަތު ލިބިގެންދާނީ ލީގުގެ ގަދަ ހަތަރު ޓީމަށެވެ.