ދިވެހިރާއްޖޭގެ މެޑިކަލް ދާއިރާއަށް ނުކުންނަ ދިވެހީންގެ އަދަދު އިތުރުވަމުން އަންނަކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނާރސިންގްއާއި ސްކޫލް އޮފް މެޑިސިންގެ ތަފާތު ކޯސްތައް ނިންމާ ދަސްވެނިވާ ފަރާތްތަކަށް ސަނަދު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޞިއްޙީ ވަޒީރު ނާޒިމް ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ދާއިރާގައި ރާއްޖެއިން ބޭރުގެ ގިނަ ނަރުހުންނާއި ޑޮކްޓަރުން މިހާރުވެސް ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އެގޮތުން ބޭރުގައުމުތަކުގެ 1300 އަށްވުރެ ގިނަ ނަރުހުންނާއި 900އަށްވުރެ ގިނަ ޑޮކްޓަރުން ރާއްޖޭގެ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރައްވަމުން އަންނަކަމަށް ވިދާޅުވިއެވެ. އެހެންކަމުން ވީހާވެސް ގިނަ ދިވެހީން މެޑިކަލް ދާއިރާއަށް ނުކުތުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.
ދިރިއުޅުމުގައި ލިބޭ ކޮންމެ ކާމިޔާބެއް ބިނާވަނީ ކުރާ ޢަމަލުތަކެއްގެ މައްޗަށްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މުޅި ޤައުމުގެ ކާމިޔާބީއަކީ އެޤައުމެއްގެ ވަކިވަކި ފަރުދުންގެ ކާމިޔާބީ އެކުވެގެން އުފެދޭ ކާމިޔާބީއެއްކަމަށެވެ.
"ތިޔަބޭފުޅުންގެ ހަޔާތުގެ ކާމިޔާބީއަކީ މިޤައުމުގެ ކާމިޔާބީގެ ވަރަށް މުހިންމު ބައެއް. އެހެނީ މުޅި ޤައުމުގެ ކާމިޔާބީއަކީ އެޤައުމުގެ ވަކިވަކި ފަރުދުންގެ ކާމިޔާބީ އެކުވެގެން އުފެދޭ ކާމިޔާބީއެއް" ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވިއެވެ.
ވަޒީފާގެ މާހައުލުގަޔާއި އާންމު ދިރިއުޅުމުގެ އެހެނިހެން ކަންކަމުގައި މަޝްއޫލުވެ އުޅޭއިރު އަމިއްލަ ކުރިއެރުމަށް ވަގުތު ދެއްވުމަށް އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް ޞިއްޙީ ވަޒީރުވަނީ ގޮވާލައްވާފައެވެ.
"ޤައުމުގެ ތަރައްޤީއާ ކުރިއެރުމަކީ އެންމެންގެ ބައިވެރިވުން އުފެދޭ ނަތީޖާއެއް. އެ ނަތީޖާ ހާސިލްކުރުމަށް އަޅުގަނޑުމެން ކޮންމެ މީހެއްގެ ހަޔާތަކީ ފުދުންތެރި އުފެއްދުންތެރި ހަޔާތަކަށް ހަދަންޖެހޭ. ހިތްހަމަޖެހޭ އަދި ހިތްހަމަ ޖައްސައިދޭ ހަޔާތަކަށް ހަދަންޖެހޭ" ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވިއެވެ.
ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ ދަސްވެނިވުމުގެ ހަފްލާތަކުގައި 300 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވާނެކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.