ޔުރޭނިއަމް މުއްސަނދި ކުރުމުގެ ފުރުޞަތު އީރާނަށް ނުދެވޭނެ ކަމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ ގޮތުން އެއްބަސްވުމެއް އެކުލަވައިލުމާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން އިތުރު ބައްދަލުވުމެއް ބޭއްވުމަށް ތާވަލު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާތައް ފަށާފައި ވަނީ އޭޕްރިލް 12ވަނަ ދުވަހުއެވެ. މަޝްވަރާތަކަށް ދަޢުވަތު އަރުވާފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އޭނާގެ ބޭނުމަކީ، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަށް ބާރާއި ނުފޫޒު ފޯރުވުމެވެ. އަދި، އެ ޕުރޮގުރާމު ހުއްޓައިލުމަށް އީރާނަށް މަޖުބޫރު ކުރުވުމެވެ. ޓްރަމްޕް ޤަބޫލު ކުރައްވާ ގޮތުގައި، ޔުރޭނިޔަމް ފައްކާކޮށް، އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަކީ ޔަހޫދީންގެ ސަލާމަތާއި ރައްކާތެރިކަމަށް، އަދި ޒަޔަނިސްޓު އިސްރާއީލުގެ ދެމިއޮތުމަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ.
އޭޕްރިލް 26ވަނަ ދުވަހު ދެ ޤައުމުގެ ދެމެދުގައި އިތުރު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ތާވަލުކޮށްފައިވާ ދަނޑިވަޅެއްގައި ރޫބިޔޯ ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން ޔުރޭނިޔަމް މުއްސަނދި ކުރުމުގެ ފުރުޞަތު އީރާނަށް ނުދޭނެ ކަމުގައެވެ. އަދި، މަދަނީ ބޭނުންތަކަށް ހިންގާ ނިއުކްލިޔަރ ޕުރޮގުރާމަށް ބޭނުންވާ މުއްސަނދި ކޮށްފައިވާ ޔުރޭނިޔަމް ހޯދަން ޖެހޭނީ ބޭރު ޤައުމުތަކުން ކަމުގައެވެ.
ނަމަވެސް، ޔުރޭނިޔަމް މުއްސަނދި ކުރުމުގެ ފުރުޞަތަކީ ބަދަލު ނުކުރެވޭނެ ޝަރުޠެއް ކަމުގައި އީރާނުން މީގެ ކުރިން ވަނީ ބުނެފައެވެ. ރޫބިޔޯގެ ވާހަކަތަކަށް ރައްދު ދެމުން އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވީ، ޔުރޭނިޔަމް މުއްސަނދި ކުރުމުގެ ފުރުޞަތު ނުލިބޭ އެއްވެސް އެއްބަސްވުމެއް އީރާނުން ބަލައިނުގަންނާނެ ކަމުގައެވެ.
އީރާނުން ނިއުކްލިޔަރ ހަތިޔާރެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އެމެރިކާއާއި ޔަހޫދީން ކުރާ ތުހުމަތުތައް އީރާނުން ދަނީ ދޮގު ކުރަމުންނެވެ. އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމަކީ މަދަނީ ބޭނުންތަކަށް ހަކަތަ އުފެއްދުމަށް ހިންގާ ޕުރޮގުރާމެއް ކަމުގައި އެ ޤައުމުން ބުނެއެވެ. ނަމަވެސް، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ދަނީ މި ކަން ޤަބޫލު ކުރުމަށް ދެކޮޅު ހަދަމުންނެވެ.
އެމެރިކާއާ އެކު، ޓްރަމްޕް ބޭނުންވާ ފަދަ އެއްބަސްވުމެއް އެކުލަވައިލުމަށް އެ ޤައުމުން ދަނީ އީރާނަށް މަޖުބޫރު ކުރުވަމުންނެވެ. މި ކަމަށް ބާރު އެޅުމުގެ ގޮތުން އެމެރިކާއިން ދަނީ އީރާނުގެ ސަރުކާރާއި، ރަސްމީ އިދާރާތަކާއި، ޢާންމު ރައްޔިތުންގެ އިތުރުން ވިޔަފާރި ކުންފުނިތަކާ ދެކޮޅަށް ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެމެރިކާއިން އެންމެ ބޮޑަށް އަމާޒު ހިފާފައި ވަނީ، އީރާނުގެ ތެލާއި ގޭސް އުފައްދައި، އެކްސްޕޯޓު ކުރުމުގެ ސިނާއަތަށެވެ. އަދި، އެ ސިނާއަތުން ލިބޭ އާމްދަނީ ހުއްޓުވުމަށެވެ.
އީރާނާއި އެމެރިކާއާ ދެމެދު ކުރަމުންދާ މަޝްވަރާތަކުން ޓްރަމްޕް ބޭނުންވާ ނަތީޖާ ހާސިލު ނުވެއްޖެ ނަމަ، ނުވަތަ މަޝްވަރާތައް ފޭލުވެއްޖެ ނަމަ، އީރާނަށް ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގައި ވިދާޅުވެ، ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ. އަދި، އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ހިންގާ މަރުކަޒުތަކަށް އަމާޒުކޮށް ދޭން ރާވާފައި ޙަމަލާތަކުގައި ޔަހޫދީ ފައުޖުގެ ބައިވެރިވުން އޮންނާނެ ކަމުގައި ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އީރާނަށް ނިރުބަވެރި ޙަަމަލާތަކެއް ދިނުމަށް ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހުރީ ކެތްމަދުވެފައެވެ.