ގެދޮރު ގެއްލިފައިވާ ގިނަ ޢަދަދެއްގެ ޣައްޒާގެ ރައްޔިތުން ހިޔާވަހިކަން ހޯދަމުންދާ މަދަރުސާއަކަށާއި ކުޑަކުދިންގެ ހަސްފަތާލަކަށް ޔަހޫދީން ޙަމަލާ ދީ ބަޔަކު ޝަހީދު ކޮށްލައިފިއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އެކި ސަރަޙައްދުތަކަށް ޔަހޫދީން ދީފައިވާ ޙަމަލާތަކުގައި މިހާތަނަށް 36 މީހުން ޝަހީދުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
ޔަހޫދީން ޙަމަލާ ދީފައިވާ މަދަރުސާއަކީ ޣައްޒާގެ އުތުރުގައި އޮންނަ ތުއްފާޙް ސަރަޙައްދުގައި ހުންނަ ޔައްފާ މަދަރުސާއެވެ. އެ ޙަމަލާގައި ފޭލިގެތަކާއި ކުލާސްތަކުގައި ވަނީ އަލިފާން ރޯވެފައެވެ. އެ ޙަމަލާގައި ދިހަ މީހުން ވަނީ ޝަހީދުވެފައެވެ.
އެ މަދަރުސާގައި ދިރިއުޅެމުން ދިޔަ މީހެއް ކަމަށްވާ އުއްމު މުޙައްމަދު އަލް-ޙުވައިތީ ބުނީ އޭނާއާއި އޭނާގެ ޢާއިލާ ނިދާފައި ތިއްބާ ބާރުގަދަ ގޮވުމެއް ގޮވި ކަމަށާއި ހޭލެވުނީ މުޅި މަދަރުސާގައި އަލިފާން ރޯވެފައިވާ މަންޒަރަށް ކަމަށެވެ. އެންމެން ދިޔައީ ހަޅޭއްލަަވަމުން ކަމަށާެއި އަނދާފައިވާ އިންސާނުންގެ ހަށިތައް ހިފައިގެން މީހުން އުޅޭ މަންޒަރު ފެނުނު ކަމަށެވެ. އޭގެ ތެރޭގައި ތުއްތުކުދިންގެ ހަށިތައް ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ޣައްޒާ ސިޓީގެ ކުޑަކުދިންނަށް ޚާއްޞަ ހަސްފަތާލެއް ކަމަށްވާ ދުއްރާ ހަސްފަތާލަށް ވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައިވާ ކަމަށެވެ. އެ ހަސްފަތާލަށް ދިން މިސައިލް ޙަމަލާގައި ހަސްފަތާލުގެ އައިސީޔޫއަށް ގެއްލުން ލިބިފައިވާ ކަމަށާއި އެ ހަސްފަތާލަށް ހަކަތަ ދޭ ސޯލާ ޕެނަލްތަކަށް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ. ނަމަވެސް އެ ޙަމަލާގައި އެއްވެސް މީހަކު ޝަހީދުވެފައެއް ނުވެއެވެ.
ޞިއްޙީ ވުޒާރާއިން ބުނީ ޔަހޫދީން ދެމުންދާ ޙަމަލާތަކުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އެތައް ބަޔަކު ތިބި ކަމަށެވެ. ނަމަ ވެސް ފުލުފުލުގައި ދެމުން ދާ ޙަމަލާތަކުގެ ސަބަބުން އެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ހުރަސްއެޅިފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަ ކޮށްފައެވެ. އިމާރާތްތައް ވެއްޓިފައިވާ ސަރަޙައްދުތަކާއި މަގުތައް ސާފު ކުރުމަށާއި މީހުން ސަލާމަތް ކުރުމަށް ބޭނުން ކުރާ ބުލް ޑޯޒަރުތަކާއި އެހެނިހެން އުޅަނދުތަކަށް ޙަމަލާތަކުގެ ސަބަބުން ގެއްލުން ލިބިފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.
ޔަހޫދީން މެދުނުކެނޑި ދެމުންދާ ޙަމަލާތަކުގެ ސަބަބުންނާއި ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސްއަޅާފައިވާތާ ގިނަ ހަފުތާތަކެއްވެފައި ވާތީ ޣައްޒާގެ ޞިއްޙީ ނިޒާމު އޮތީ އެއްކޮށްހެން ހުއްޓުމަކަށް އައިސްފައެވެ.
މި ޙާލަތުގައި ވިލާތުގެ ތިން ޤައުމަކުން ވަނީ ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ހުރަސް ނޭޅުމަށް ޔަހޫދީންނަށް ގޮވާލައިފައެވެ. ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާރުގެ ޚާރިޖީ ވަޒީރުން އެކުގައި ނެރުނު ބަޔާނެއްގައި ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް ޢަމަލު ކުރުމަށް ޔަހޫދީންނަށް ގޮވާލައިފައެވެ. އަދި މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޤާއިމު ކުރި އަދި މިހާރު ރޫޅިފައިވާ ޢުދުވާން ހުއްޓައިލުމުގެ އެއްބަސްވުން އަލުން އިޢާދަ ކުރުމަށް ވެސް ތިން ޤައުމުން ވަނީ ހިތްވަރު ދީފައެވެ.
“ސިޔާސީ ހަތިޔާރެއްގެ ގޮތުގައި އިންސާނީ އެހީ ބޭނުން ކުރެވިގެން ނުވާނެ. ފަލަސްޠީނުގެ ސަރަޙައްދު ކުޑަ ކޮށްގެން ވެސް ނުވާނެ، އަދި ޣައްޒާގެ ރައްޔިތުން ވަޒަން ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރު ކޮށްގެން ވެސް ނުވާނެ،” އެ ބަޔާނުގައި ބުނެފައިވެއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުަވަހުން ފެށިގެން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމުގެ މަޤްސަދުގައި ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 51،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ވީ ޢުދުވާން ހުއްޓައިލުމުގެ އެއްބަސްވުމާ ޚިލާފަށް މާރިޗު މަހުގެ 18ވަނަ ދުވަހު ޔަހޫދީން އަނެއްކާ ވެސް ޣައްޒާއަށް ޙަމަލާ ދޭން ފެށި ފަހުން ވެސް މިހާތަަނަށް 1،600އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެ މަގުމަތިވެފައެވެ.