ޚަބަރު

ފިލްމް "ހާދަރު" އޮލިމްޕަހުގައި ޕްރިމިއަރ ކޮށްފި


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ތައްޔާރުކުރި ދިވެހި ފިލްމު "ހާދަރު" އޮލިމްޕަހުގައި ޕްރިމިއަރ ކޮށްފިއެވެ. މި ފިލްމް ޕްރިމިއަރކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ.

ފިލްމު "ހާދަރު" އަކީ ސިފައިންގެ އެކުވެރި ސިފްކޯ ކުންފުނީގެ އެހީތެރިކަމާ އެކު އުފައްދާފައިވާ ފިލްމެކެވެ. މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދުގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމު ''ހާދަރު'' ޑައިރެކްޓް ކޮށްފައި ވަނީ ސިފައިންގެ މޮޅު ޑްރާމާތައް ވެސް ޑައިރެކްޓު ކޮށްފައިވާ އައްޝަރު ވަހީދެވެ. 



ހާދަރު ޕްރިމިއަރ ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ ތިނެއް ނޮވެމްބަރުގެ ހަމަލާ ތަޖުރިބާ ކުރި ފަރާތްތަކަށް އެކަން ދުވަހަކު ވެސް ހަނދާނުން ނުފިލާނެކަމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަޖުރިބާއެއް ނެތް ޒުވާން ޖީލަށް އެ ހަމަލާގެ އިހުސާސް، ޤައުމާއި ދީނަށް ޓަކައި، މޭ އައްޑަނައަކަށް ދިއްކޮށްލައިގެން ނުކުމެ ޝަހީދުވި ދިވެހި ދަރިންގެ ވާހަކަ މި ފިލްމްއިން ވަރަށް ތަފްސީލުކޮށް ގެނެސްދޭނެކަމަށެވެ. އަދި ލާއިންސާނީ ޓެރަރިސްޓު ހަމަލާގެ ޝިކާރައަކަށް ދިވެހި ދަރިން ވެގެންދިޔަ ސަބަބު މި ފިލްމުން އާންމުންނާހަމަޔަށް ގެނެސްދޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ޑިފެންސް މިނިސްޓަ ވިދާޅުވީ މިއީ ސިފައިން ފިލްމް ކުޅެން ބޭނުންވެގެން އުފެއްދި ފިލްމެއް ނޫންކަމަށާއި ނަމަވެސް މިއަދުގެ މުޖުތަމަޢަށް މުހިއްމު މެސެޖްތަކެއް ފޯރުކޮށްދިނުމަށް ކުރި މަސައްކަތެއްކަމުގައިއެވެ.

ދިވެހި ފިލްމް ހާދަރަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމުގެ އިސްނެންގެވުމުގެ މަތިން ސިފައިން ކުރި މަސައްކަތެކެވެ. މި ފިލްމް އުފެއްދުމަށް އެމްއެންޑީއެފުގެ ބަޖެޓުން އެއްވެސް ރުފިޔާއެއް ޚަރަދުކޮށްފައެއްް ނުވެއެވެ. މުޅި ފިލްމްގެ ހުރިހާ ޚަރަދެއްހެންކޮށްފައިވަނީ ހެޔޮ އެދޭ ފަރާތްތަކުންކަމަަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. މި ފިލްމްގެ ލީޑުން ފެނިގެންދާ ތަރިންގެ ތެރޭގައި މުހައްމަދު ޝައްމޫން، ފަސީހް އަހުމަދު، ޝަބާނާ މުހައްމަދު، އައިޝަތު މާޖިދާ ހިމެނެއެވެ. މީގެ ތެރެއިން ބައެއް ތަރިން ބުނިގޮތުގައި ފިލްމުން ފެނިގެންދާ ހުރިހާތަރިންވެސް އެމީހަކު ކުޅެފައިވާ ރޯލު ކުޅެފައިވަނީ ވަރަށް ފުރިހަމަޔަށް ތައްޔާރުވެގެންނެވެ.



ހާދަރުގެ ޓިކެޓް ވިއްކަމުންދަނީ ޓިކެޓެއް 100 ރުފިޔާއަށެމްޕަހުގެ އިތުރުން ހދ. ކުޅުދުއްފުށި، ލ. ގަން، ލ. ފުނަދޫ، ސ. ހިތަދޫ، ސ. މަރަދޫ އަދި ޅ. ނައިފަރު ގައި ވެސް މި ފިލްމުވަނީ  ޕްރިމިއަރ ކޮށްފައެވެ. މީގެ އިތުރުން މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ޝްވެކް ސިނަމާގައި ވެސް "ހާދަރު" ދައްކާނެއެވެ.

ފިލްމް ޕްރިމިއަރކުރުމަށް ބޭއްވި ހަފްލާގައިވަނީ މި ފިލްމް ހެދުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ދީފައެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ވެދެއްވި އެހީތެރިކަން ހަނދާންކޮށް ޗީފް އޮފް ޑިފެންސް ފޯސްއަށްވެސް ވަނީ ހަނދާނީ ފިލައެެއް ދެއްވާފައެވެ.