ސަރުކާރުގެ މުހިންމު މަޢުލޫމާތު ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރަސްމީ ވަޓްސްއެޕް ޗެނަލެއް އުފައްދަވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރައްވައި، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ރަސްމީ ވަޓްސްއެޕް ޗެނަލެއް މިހާރު އުފައްދަވާފައިވާ ކަމަށާއި އެ ވަޓްސްއެޕް ޗެނަލް މެދުވެރިކޮށް ސަރުކާރުގެ އަދާހަމަ ޚަބަރުތަކާއި މުހިންމު މައުލޫމާތު އަދި މެސެޖުތައް ހިއްސާ ކުރައްވާނެކަމަށެވެ.
ރައީސް ވަނީ މި ޗެނަލާ ގުޅުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ދަޢުވަތު ދެއްވާފައެވެ.
I welcome everyone to join my official WhatsApp Channel, where daily updates, important information and messages are being shared.
— Dr Mohamed Muizzu (@MMuizzu) April 20, 2025
Join the channel via the link below to stay connected:https://t.co/r5BW37oUNv pic.twitter.com/Jpw0UFVeo6
ރައްޔިތުންނަށް އެކި ގޮތްގޮތުން ސަރުކާރުގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ވަޓްސްއެޕް ޗެނަލެއް މިހާރު އުފައްދަވާފައިވާއިރު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށާއި ސަރުކާރުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް "ރައްޔިތުންނާ އެކު" ގެ ނަމުގައި ހާއްސަ ޕޮޑްކާސްޓެއްވެސް އެމަނިކުފާނު ވަނީ ފަށްޓަވާފައެވެ.
މީގެ އިތުރުން ރަށްރަށުގައި ހިންގާ ތަރައްގީގެ އެކި މަޝްރޫއުތަކުގައި ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެއްވުމަށް އެމަނިކުފާނު ގެންދަވަނީ ރާއްޖޭގެ ރަށްތަކަށް ޒިޔާރަތް ކުރައްވާ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.
ދައުލަތުގެ އެކި ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށާއި އެ ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅިގެން ރައްޔިތުންގެ ހުރި ސުވާލުތަކާއި ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމަށް "އަހާ" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއްވެސް ވަނީ ފަށްޓަވާފައެވެ. މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ ވަޒީރުންނެވެ. އަދި އެ ސިލްސިލާގެ ބައެއް ޕްރޮގްރާމުތަކުގައި ރައީސްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
އެންމެ ފަހުން ބޭއްވި ޕޮޑްކާސްޓުގައީ ރައީސް ވިދާޅުވެފައިވަނީ ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ އިސްކަމެއް މިސަރުކާރުން ދޭނެކަމަށެވެ. އެ ގޮތުން އެކިއެކި ޕްލެޓްފޯމްތަކުގައި މަޢުލޫމާތު ހިއްސާކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާކަމަށާއި، "ރައްޔިތުންނާ އެކު" ޕޮޑްކާސްޓް ފަދަ އެހެން ޕްރޮގުރާމެއް ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިއުމުގެ ވިސްނުންފުޅު ހުރިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ، މެއި މަހުގެ 3 ވަނަ ދުވަހު، ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނޫސްވެރިންގެ މިބައްދަލުވުމުގައި ނޫސްވެރިން ބޭނުން ސުވާލެއްކުރުމުގެ ފުރުޞަތު ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.