ޚަބަރު

ރައީސް ދެއްވީ އައިޔޫއެމްގެ ޖާގަތަނަވަސްކޮށް، ވަސީލަތްތައް ފުރިހަމަ ކޮށްދެއްވާނެކަމުގެ ޔަގީންކަން


  • ރައީސް ވިދާޅުވީ އައިޔޫއެމް ޚިދުމަތް ފުޅާކޮށްދެއްވާނެކަމަށް

  • ހުޅުމާލެއިން ބިމެއް ވަނީ ހަމަޖައްސާފައި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖާގައާއި ވަސީލަތްތައް ފުރިހަމަކުރުމާއި، ޔުނިވަރސިޓީގެ ކުރިއެރުމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް އުފަލާއެކު ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އައިޔޫއެމްގެ ކުރިމަގު، ސަރުކާރުން ވަރަށް އިސްކަންދީގެން ބައްޓަންކުރައްވާނެކަމަށެވެ. ސަރުކާރުގެ މެނިފެސްޓޯގައިވެސް ހިމެނޭހެން އައިޔޫއެމްގެ ކުރިމަގަށް، އެ މުވައްސަސާ ވަރުގަދަކުރުމަށް ގިނަ މަސައްކަތްތައް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރައީސް ވިދާޅުވީ ސުކޫކު ވިއްކައިގެން އަޅާ އައިޔޫއެމްގެ ވަޤްފް އިމާރާތް "ސަނާބިލް" މަޝްރޫޢުއަކީވެސް މި ސިޔާސަތުގައި ހިމެނޭ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. މިއީވެސް ނުކުރެވި އެތައް އަހަރަކަށް ދިގުލައިގެން ގޮސްފައި އޮތް މަސައްކަތްތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަތޮޅުތަކަށް އައިޔޫއެމްގެ ކެމްޕަސްތައް ފުޅާކުރުމަކީވެސް، ޔުނިވަރސިޓީގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް ނިންމަވާ، ކުރައްވާ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައިޔޫއެމްގެ ތަރައްޤީއަށް މިހާރު ކުރައްވަމުންދާ އެންމެ ބޮޑު މަސައްކަތަކީ، އައިޔޫއެމްއަށް އާ އިމާރާތެއް އަޅައިދިނުމުގެ މަސައްކަތްތަކަމަށާއި އެކަމަށް ބޭނުންވާ ބިންވެސް މިހާރު ހަމަޖައްސާފައިވާކަމަށެވެ.

"އައިޔޫއެމްގެ އާ އިމާރާތް އެޅުމަށް ހުޅުމާލެއިން ބޮޑު ބިމެއް ހަމަޖެހިފައިވަނީ މިހާރު. އައިޔޫއެމްގެ ކުރިމަގު ބައްޓަން ކުރުމަކީ ޢަމާޒު. ޖާގައާއި ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް އުފަލާއެކު ކުރިއަށްގެންގޮސްދޭނަން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ތަޢުލީމީ ދާއިރާއަށް ބޮޑު އަޙަމިއްޔަތުކަމެއްދޭއިރު، ކިޔަވައިގެން ނިކުންނަ ދަރިވަރުންގެ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ގޮވާލާކަމަށެވެ. އެގޮތުން އެންމެ ބޮޑު ޒިންމާއަކަށްވާނީ ތަޢުލީމީ ހެޔޮލަފާ މުޖުތަމަޢުއެއް ބިނާކުރުންކަމަށެވެ. އެގޮތުން ކިޔަވައިގެން ނިކުންނަ ކޮންމެ ދަރިވަރެއް ވާންވާނީ ހެޔޮކަމަށް ގޮވާލާ އަދި ނުބައި ކަންކަން ނަހީކުރާ މުޖުތަމަޢުއެއް ބިނާކުރުންކަމަށް މަސައްކަތްކުރާ މީހަކަކަށްކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.