ޚަބަރު

ކެނދިކުޅުދޫގައި ތަރައްޤީކުރާ ޖޫނިއަރ ކޮލެޖްގެ ބިންގާ އަޅައިފި


  • ކެނދިކުޅުދޫން 86،000 އަކަފޫޓްގެ ބިމެއް ވަނީ ހަމަޖައްސާފަ

  • މިތަން ޚާއްސަކޮށްފައިވަނީ ހޮސްޕިޓަލިޓީ ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށް

ނ. ކެނދިކުޅުދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖްގެ ބިންގާ އަޅައިފިއެވެ.

ޖޫނިއަރ ކޮލެޖްގެ ބިންގާ އަޅުއްވައިދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ޙައިދަރުއެވެ.

ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖް ތަރައްޤީކުރަނީ ބިލްޑް-ފައިނޭންސް-އޮޕަރޭޓް ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕް އުސޫލުން ވިލާ އެޑިޔުކޭޝަނަލް ސަރވިސަސްއިންނެވެ. މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް ވިލާ އެޑިޔުކޭޝަނަލްއާ ހަވާލުކޮށްފައިވަނީ 2022ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ކެނދިކުޅުދޫގައި ތަރައްޤީކުރާ ޖޫނިއަރ ކޮލެޖަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށްގެން މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ކޮލެޖެކެވެ. ނ.ކެނދިކުޅުދޫގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ މަތީ ފަންތީގެ ޓޫރިޒަމާއި، ހޮސްޕިޓަލިޓީ ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. ނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް މިކޮލެޖްގައި ހިންގުމަށް މަގުފަހިވާނެކަމަށް ކުރިން މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ޖޫނިއަރ ކޮލެޖް ޢިމާރާތް ކުރުމަށްޓަކައި ކެނދިކުޅުދޫން 86،000 އަކަފޫޓްގެ ބިމެއް ވަނީ ހަމަޖައްސާފައެވެ. މިޕްރޮޖެކްޓް ހުރިހާ ފިޔަވައްސެއް ނިމޭއިރު ޖޫނިއަރ ކޮލެޖުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ. އަދި ޓޫރިޒަމާއި ހޮސްޕިޓަލިޓީގެ ފަންނީ ތަމްރީނުތައް ދިނުމަށާއި ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއް އިންސްޓިޓިއުޓާއެކު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މަދުވެގެން 6 ކްލާސް ރޫމާއި ސީ.ޓީ ލެބޯރެޓަރީއަކާއި، އޮޑިޓޯރިއަމެއްގެ އިތުރުން ލައިބްރަރީއެއްވެސް ހުންނާނެއެވެ.

މީގެއިތުރުން އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއެއްގެ އިތުރުން މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތައްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ވެސް، މިޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު، ހުރުމާއެކު އަސާސީ ޚިދުމަތްތައް ހުންނާނެއެވެ.