ކުޅިވަރު

"ޖެންޑަރ އެކުއިޓީ ސެމިނަރ" ގައި ރާއްޖޭގެ ފަރާތުން ބައިވެރިވެއްޖެ


އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި "ޖެންޑަރ އެކުއިޓީ ސެމިނަރ" ގައި ރާއްޖޭގެ ފަރާތުން ބައިވެރިވެއްޖެއެވެ.

މި ސެމިނަރގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ސެކްރެޓެރީ ޖެނެރަލް ތަމޫހު އަޙްމަދު ސައީދު އާއި ފަޒްނާ ޖަލީލެވެ. ފަޒްނާ އަކީ އެމްއޯސީގެ ޖެންޑަރ އެކުއިޓީ ކޮމިޝަންގެ ޗެއާޕާސަންއެވެ.

މިމަހުގެ 14 އިން 15 އަށް ކުރިއަށްދިޔަ މި ސެމިނަރގައި އަލިއަޅުވާލާފައިވަނީ އޭޝިއާ ގައުމުތަކުގެ އޮލިމްޕިކް ކޮމިޓީތަކުގައި މިންތީގެ ހަމަހަމަކަން ކަށަވަރުކޮށްދިނުމާއި ކުޅިވަރު ދާއިރާގެ ހިންގުން ހަރުދަނާކުރުމާ ގުޅުންހުރި ދާއިރާތަކުގެ އިސްމަގާމުތަކުން އަންހެނުންނަށް ފުރުސަތުތައް އިތުރުކޮށްދިނުމާ ގުޅޭގޮތުންނެވެ.

މީގެ އިތުރުން މި ސެމިނާގައި މަޝްވާރާކުރެވުނު އެހެނިހެން ކަންކަމުގެ ތެރޭގައި ޕޮލިސީތައް އެކުލަވާލުމާއި، ކުޅިވަރުތަކުން ހަމަހަމަކަމާއެކު ފުރުސަތުތައް ފަހިކޮށްދީ، ކުޅިވަރު ނިޒާމުގެ ތެރެއިން މިންތީގެ ހަމަހަމަކަން ކަށަވަރުކޮށްދީ ނަޒާހަތްތެރިކަމާއެކު ކުޅިވަރުގެ ދާއިރާ ހަރުދަނާކުރުން ހިމެނެއެވެ.

މިސެމިނަރގެ ތެރެއިން އެއް ގައުމާ އަނެއް ގައުމާ ދެމެދު ތަފާތު ޚިޔާލުތައް ބަދަލުކުރެވި ގިނަ މަޝްވަރާތަކެއް ކުރެވުނެވެ. ކުޅިވަރުގެ ދާއިރާގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މި ސެމިނާރގެ ތަޖުރިބާ މުހިންމު ދައުރެއް އަދާކުރާނެކަމަށްބެލެވޭއިރު، މިކަމުގެ ސަބަބުން އޭޝިއާގެ ގައުމުތަކުގެ ކުޅިވަރު ދާއިރާގައި އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ބައްދަލުވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

"ވޮޗް ހަރ ޝައިން" ގެ ނަމުގައި ބޭއްވި މި ސެމިނަރގައިވަނީ 95 ފަރާތަކުން ބައިވެރިވެފައެވެ. މިސެމިނަރގައި އިސްކޮށް ހުންނެވީ އޯސީއޭގެ ޖެންޑަރ އެކުއިޓީ ކޮމިޝަންގެ ޗެއާޕާސަން ވެލެރީ ޓާރާޒީއެވެ. ބުރޫނާއީ ދާރުއްސަލާމުގައި ކުރިއަށްދިޔަ މި މަޝްވަރާ ބައްދަލުވުމަކީ އެ ގައުމުގެ އަމީރު ސުފްރީ ބޮލްޚިއާގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު ސެމިނަރއެކެވެ.