ޔުއެފާ ޗެމްޕިއަންސް ލީގުން ބަޔާން މިއުނިކް ކެޓި މައިގަނޑު ސަބަބަކީ މުހިންމު ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވުމުން ކަމަށް އެ ކުލަބުން ބުނެފިއެވެ. 
އިޓަލީގެ އިންޓަރ މިލާނާ ވާދަކޮށް ސެމީ ފައިނަލަށް ނުދެވި ބަޔާން ކެޓީ އަމިއްލަ ދަނޑުގައި 2-1އިން ބަލިވެ، ބުދަ ދުވަހުގެ ރޭ އިންޓަމިލާނުގެ ދަނޑުގައި 2-2އިން އެއްވަރުވުމުންނެވެ. 
މި މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ވިންސެންޓް ކޮމެޕެނީ ބުނީ މުހިންމު ގިނަ ކުޅުންތެރިންތަކަކާ ނުލައި ބަޔާން އަށް ކުރެވޭނީ ކޮންކަމެއްތޯ އެތައް ފަހަރަކު ވިސްނަން ޖެހުނު ކަމަށެވެ. 
މި މެޗަށް ނުކުތްއިރު 7 ކުޅުންތެރިއަކު ތިބީ އިންޖަރީގަ އެވެ. އެއީ ހިރޮއޯކީ އިޓޯ އާއި ޑަޔޮޓް އުޕަމެކާނޯ އާއި ޖަމާލް މުސިއާލާ އާއި ކެޕްޓަން އަދި ގޯލްކީޕަރު މެނުއަލް ނޯޔާ އާއި އަލްފަންސޯ ޑޭވިޑާއި ކިންގްސްލީ ކޯމަން އާއި އެލެކްސެންދަރް ޕަވްލޮވިކެވެ. 
ކޮމްޕެނީ ދެކޭ ގޮތުގައި މި ކުޅުންތެރިން ނެތި ވެސް އޭނާގެ ޓީމު ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. 
"އަހަރެންނަށް ހީވަނީ ބަޔާންގެ ދަނޑުގައި ފެނިގެންދިޔައީ ވަރަށް ރަނގަޅު ބަޔާން މިއުނިކެއްހެން. އަހަރެން މި ވާހަކަ ދައްކަނީ ނަތިޖާއަކަށްނޫން. ކުޅުމަށް. ދެ ވަނަ މެޗުގައި އަހަރުމެން ވަރަށް ރަނގަޅު ކުޅުމެއް ދެއްކިން އިންޓަމިލާނާ ދެކޮޅަށް،" ކޮމްޕެނީ ބުންޏެވެ. 
އޭނާ ބުނީ ދެ މެޗަށް ބަލާއިރު ވެސް އިންޓަމިކާނަށްވުރެ ގިނަ ފުރުސަތު ލިބުނީ ބަޔާން މިއުނިކަށް ކަމަށެވެ. 
"އަހަރުމެންނަށް ވަރަށް ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބުނު. އިންޓަމިލާނަށް ވުރެ ގިނައިން. އަހަރެންގެ ހުރީ ވަރަށް މަސްހުނި އިހުސާސްތަކެއް. އެންމެ ބޮޑަށް ދެރަވަނީ އަމިއްލަ ދަނޑުގައި ކުޅޭ މި މުބާރާތުގެ ފައިނަލުން ބަޔާން ނުފެންނާނެތީވެ. އަހަރުމެންނަށް މި ހަގީގަތް ބަދަލެއް ނުކުރެވޭނެ،" ކޯޗު ބުންޏެވެ.
ބަޔާންގެ ގިނަ ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތައް ކުރިމަތިވީ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުންތޯ އެހުމުން ކޮމްޕެނީ ބުނީ ދިގު ސީޒަނެއްގައި ކުޅެން ޖެހޭ މެޗުތަ މަދެއްނޫން ކަމަށެވެ.
 
ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ އިންޓަމިލާނާއި ސްޕޭނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އާއި އިނގިރޭސިވިލާތުގެ އާސެނަލް އެވެ. ސެމީގައި އިންޓަ ވާދަކުރާނީ ބާސެލޯނާއާ އެވެ. އާސެނަލް ކުޅޭނީ ޕީއެސްޖީއާ އެވެ.