ޚަބަރު

ނިލަންދޫގައި ހައްދަވާ ޕާކުން ރަށުގެ މަލަމަތި ބަދަލުކޮށްލާނެ!


ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫގެ މަލަމަތި ޒީނަތްތެރިކޮށް، ތަރައްޤީ ކުރެއްވުމަށް ހިންގަވާ މަޝްރޫޢުގެ ދަށުން ހައްދަވާ ޕާކް ނިމިގެންދާއިރު، މިކަން ވެގެންދާނީ ނިލަންދޫގެ މަލަމިތި ބަދަލުކޮށްލާނެ މަސައްކަތަކަށެވެ.

ކައުންސިލުން އިސްނަގައިގެން ހިންގަވާ މަޝްރޫއުގެ ދަށުން ކުޑަކުދިންނަށް ޚާއްޞަ ވަކި ސަރަޙައްދެއްވެސް ތައްޔާރުކުރުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ.

ނިލަންދޫގައި އަލަށް ހެދި ބަނދަރާއެކު ނިލަންދޫގެ މޫނުމައްޗަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ކުރިއަށްވުރެ ބޮޑު ޖާގައެއް ބަނދަރު ސަރަހައްދުގައި އޮތް އިރު ރަށަށް އަރާފައިބާ މެހެމާނުންނަށް މަޑުކޮށްލެވޭގޮތަށް ހަޓުތައް ހެދުމާއި އިށީންނާނެ ބެންޗް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަމިއްލަ ހެޔޮއެދޭ ފަރާތްތަކާއި، ކައިރި ރިސޯޓްތަކުގެ ހިލޭ އެހީގައި ކުރަމުން ދާ މި މަސައްތުގެ ދަށުން ބަނދަރު ސަރަޙައްދުގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ދަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް އަޙުމަދު ނާސިޙް ވިދާޅުވީ ބަނދަރުމަތި ޒީނަތްތެރި ކުރުމުގެ މަސައްކަތް ނިމިގެންދާއިރު އެތަނުން އާންމުންނަށާއި ރަށަށް އަންނަ މެހެމާނުންނަށްވެސް ވަރަށްބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މާވައްދިހަރެޔާ މައިޒާންގެ ނަމުގައި ތަރައްޤީ ކުރަމުންދާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ނިލަންދޫ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ. އަދި ބަނދަރު ޒީނަތްތެރި ކުރުމުގެ މަސައްކަތުގެ ދަށުން މުޅި ޕްރޮޖެކްޓް ނިމިގެންދާއިރު އެތަނުގައި ދަތުރުކުރާ ފަރާތްތަކަށް މަޑުކޮށްލެވޭނެ އިންތިޒާމާއި ހޮޓާ ރެސްޓޯރެންޓް އަދި ފިހާރަތަކުގެ ޚިދުމަތްވެސް ލިބިގެންދާނެ ކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.