ކުޅިވަރު

ޖޫނިއަރ އަންހެން ޓީޓީ ޓީމް ރިހި މެޑަލް ހޯދައިފި


ސައުތް އޭޝިއަން ޖޫނިއަރ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އަންހެން ޓީމް ރިހި މެޑަލް ހޯދައިފިއެވެ. ޖޫނިއަރ ޓީމް ރިހި މެޑަލް ހޯދީ މިރޭ 3-2 ން ނޭޕާލް ބަލިކޮށްގެންނެވެ. އޭގެކުރިން ދިވެހި ޓީމް ވަނީ ޕާކިސްތާން ބަލިކޮށްފައެވެ. ޕާކިސްތާންގެ މައްޗަށްވެސް ދިވެހި ޓީމް ކުރި ހޯދީ 3-2 ނެވެ. 

މުބާރާތުގައި ރާއްޖޭގެ އެންމެ ސީނިއަރ ޓީމްގައިވެސް ހިމެނޭ ޒުވާން ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް ވަނީ ޕާކިސްތާނާއި، ނޭޕާލްގެ ޓޮޕް ދެ ކުޅުންތެރިން ބަލިކޮށްފައެވެ. ލައިޝާ ފަތުހުﷲ ވަނީ ޕާކިސްތާނާއި، ނޭޕާލްގެ ރޭންކިންގެ ދެވަނައިގައި ތިބި ދެ ކުޅުންތެރިން ބަލިކޮށްފައެވެ. މިޓީމްގައި ދެން ހިމެނެނީ އައިމިނަތު މަލީޝާ މުއާޒުއެވެ. ކޯޗަކީ މުޙައްމަދު ޔާސިރުއެވެ. މި ކުޅުންތެރިން މެޑަލް ހޯދީ 18 އަހަރުން ދަށުގެ ޓީމް އިވެންޓްގައި ވާދަކޮށްގެންނެވެ. 

މުބާރާތުގައި އަންހެން ޓީމް ވަނީ ޕާކިސްތާންގެ 15  އަހަރުން ދަށުގެ އަންހެން ޓީމްވެސް ބަލިކޮށްފައެވެ. މާދަމާ ނޭޕާލް އަތުން މޮޅުވެއްޖެނަމަ ކެޑޭޓް ކެޓަގަރީންވެސް ސިލްވަރ މެޑަލް ލިބޭނެއެވެ. ރާއްޖޭގެ ފިރިހެން ކުޅުންތެރިން ވާދަކުރަނީ 18 އަހަރުން ދަށުގައެވެ. ފިރިހެން ޓީމް ވަނީ ސްރީލަންކާއާއި، ނޭޕާލާއި، ޕާކިސްތާން އަތުންވެސް ބަލިވެފައެވެ. 

ރާއްޖޭގެ ޒުވާން ކުޅުންތެރިން އިންޑިވިޖުއަލް އިވެންޓްތަކުގައިވެސް ވާޤދަކުރާނެއެވެ.