ކުޑަކުދިން ހިމެނޭހެން އެތައް ބައެއްގެ މަގުބޫލުކަން ލިބިފައިވާ އިންޓަރ މަޔާމީގެ ކެޕްޓަން ލިއޮނެލް މެސީ މިވަނީ "ވޯލްޑް ވިޝް ޑޭ" ފާހަގަކުރުމުގެ ގޮތުން ތަފާތުކަމެއް ކޮށްފައެވެ.
މި ދުވަސް ފާހަގަކުރުމަށްޓަކައި އިންޓަ މަޔާމީގެ ކުޅުންތެރިންނާއެކު މެސީ ވަނީ އެކި ބާވަތުގެ ބަލިތައް ތަހައްމަލުކުރަމުންދާ 23 ކުއްޖަކަށް ޓީމާއެކު ވަގުތު ހޭދަކޮށްލާ، ފޮޓޯ ނެގުމުގެ ފުރުސަތު ދީފައެވެ. މި ހަރަކާތް ބާއްވާފައިވަނީ އިންޓަ މަޔާމީގެ އަމިއްލަ ދަނޑުކަމަށްވާ ފޯޓް ލައުޑަޑޭލްގައެވެ.
ދަނޑަށް ކުޅުންތެރިން ނިކުތުމަށް ބޭނުންކުރާ ޓަނަލްގެ ތެރެއިން މިކުދިން ދަނޑަށް ނިކުތް ވަގުތު ލުއިސް ސުއަރޭޒް، ޖޯޑީ އަލްބާ އަދި ސާރޖިއޯ ބަސްކެޓް ހިމެނޭހެން ޓީމުގެ މެމްބަރުންވަނީ މިކުދިންނަށް މަރުހަބާކިޔުމުގެ ގޮތުން ދަނޑުގައި ދެ ސަފަށް އެތުރިފައެވެ. ޓީމުގެ މެމްބަރުންނާ މެސީ ފެނުމުން އެކުދިންގެ މޫނުމަތިން އުފާވެރިކަން ލިބިގެންދިޔަތަން ފެނިގެންގޮސްފަވާއިރު، މިކުދިންނަކީ އިންޓަ މަޔާމީގެ ސަޕޯޓަރުންތަކެކެވެ.
މިކުދިންނަކީ އެމެރިކާގެ އެކި ހިސާބުތަކަށް ނިސްބަތްވާ ކުދިންނެވެ. ބެލެނިވެރިންނާއެކު ކުރި ދިގު ދަތުރުތަކަކަށްފަހު މެސީ އާ ބައްދަލުވުމުން ދަތުރުގެ އުނދަގޫތައްވެސް ހިތުން ފިލައިފިކަމަށް މިކުދިންވަނީ ބުނެފައެވެ. މެސީ އާއި މިކަހަލަ ގޮތަކަށް ބައްދަލުވާނެކަމަކަށް ކުރިން އުންމީދުކުރެވިފައި ނެތަސް މި ފުރުސަތު ލިބުމުން ބުނެދޭން ނޭންގޭ ފަދަ އުފާވެރިކަމެއް ލިބިގެން ހިނގައްޖެކަމަށް ބައެއްކުދިންވަނީ ބުނެފައެވެ.
"ވޯލްޑް ވިޝް ޑޭ"ގެ މުނާސަބަތުގައި މެސީ އަދި އޭނާގެ ޓީމުންމިވަނީ 23 ކުއްޖަކު ހެއްވާލާފައެވެ. މި ހަރަކާތްކުރިއަށް ދިޔައިރު، ޓީމުގެ މެމްބަރުންނާ ވާހަކަދައްކާލާ އެކުގައި ފޮޓޯ ނެގުން ފަދަ ހަރަކާތްތައް ކުރިއަށް ދިޔައެވެ. މި ހަރަކާތުން އިންޓަ މަޔާމީގެ ކޯޗު ހަވިޔާ މެޝެރާނޯވެސް ފެނިފައިވެއެވެ. އޭޕްރިލްމަހާއެކު "ވިޝް މަންތު" ފެށުނު ނަމަވެސް "ވޯލްޑް ވިޝް ޑޭ"ގެ ގޮތުގައި ރަސްމީކޮށް ފާހަގަކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ އޭޕްރިލްމަހުގެ 29 ވަނަ ދުވަހެވެ.
މެސީ ފާހަގަކުރެވިފައިވަނީ އިންސާނިއްޔަތާ ގުޅުންހުރި ގިނަ މަސައްކަތެއްގައި އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތެއްގެ ގޮތުގައެވެ. މިގޮތުން ޗެރިޓީއަށް މަސައްކަތްކުރާ އޭނާގެ އަމިއްލަ ފައުންޑޭޝަންކަމަށްވާ "ލިއޯ މެސީ ފައުންޑޭޝަން"ގެ އިތުރަށް ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރެއްގެ ހައިސިއްޔަތުންވެސް އޭނާ ދަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ކުޑަކުދިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
ވަކިން ޚާއްސަގޮތެއްގައި ވޭންދެނިވި ބަލިތައް ތަހައްމަލުކުރަމުންދާ ކުދިންނަށް އެންމެ މަތީ ފެންވަރުގެ ސިއްހީ ފަރުވާ ހޯދަދިނުމާއި، ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދީ، ކުޅިވަރަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އޭނާގެ ފައުންޑޭޝަނުން އެންމެ އިސްކަންދޭ މަސައްކަތްތަކެވެ.