ޚަބަރު

މަސްތުވާތަކެއްޗާއެކު ކުރެންދޫން މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ ޅ.ކުރެންދޫ، މަޒާ، ޢަބްދުލްޤައްޔޫމް އިބްރާހީމް

  • ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވޭ

މަސްތުވާތަކެއްޗާއެކު ކުރެންދޫން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެ މީހާ ހައްޔަރު ކޮށްފައިވަނީ ޅ. ކުރެންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ކަމަށެވެ.

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ.ކުރެންދޫ / މަޒާ، ޢަބްދުލްޤައްޔޫމް އިބްރާހީމް (40އ) އެވެ.

މި މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ކުރެންދޫ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 30 ގުރާމުކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވައިކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.