ޚަބަރު

ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުމުގައި ސަޢުދީގެ އެހީ މުހިންމު ދައުރެއް އަދާކުރޭ: ރައީސް


  • އިންވެސްޓްމަންޓާއި އަމިއްލަ ކުންފުނިތައް ކުރިއެރުވުމާ ބެހޭގޮތުން މަޝްވަރާ ކުރި

  • ސަޢުދީ ވަފުދާއެކު މިއަދު ވަށްމޭޒު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވޭ

ރާއްޖޭގެ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމުގައި ސަޢުދީން ދޭ އެހީތައް މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ އިންވެސްޓްމަންޓާ ބެހޭ ވުޒާރާގެ އިސްވެރިންތަކެއް ހިމެނޭހެން ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ޒިޔާރަތް ކުރި ވަފުދު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައެވެ.

ސަޢުދީން ރާއްޖެއަށް އައި ވަފުދުގެ އިސްވެރިއަކީ، އެ ޤައުމުގެ އިންވެސްޓްމަންޓާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ސާރާ އަލް ސަޢީދެވެ.

ސަޢުދީގެ ވަފުދުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރި ޒިޔާރަތުގެ ތެރެއިން ކުރިއަށް ދިޔަ މަޝްވަރާތަކުގައި އިންވެސްޓްމަންޓާއި، އަމިއްލަ ކުންފުނިތައް ކުރިއެރުވުމާއި، އިޤުތިޞާދީ ތަރައްޤީއާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އާޓިފިޝަލް އިންޓަލެޖެންސްއާއި، މަޢުލޫމާތާއި ފަންނިއްޔާތުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވަން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ ޒަމާންވީ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމުގައި ސަޢުދީން ފޯރުކޮށްދޭ އެހީތައް މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތަށް ސަޢުދީ ސަރުކާރުން ވެދެއްވި އެހީތެރިކަން ފާހަގަކުރެއްވިއެވެ.

ސަޢުދީގެ ވަފުދުން ވަނީ، ރާއްޖެއިން ކީ ހޫނު މަރުޙަބާއާއި ހެޔޮ މެހެމާންދާރީ ފާހަގަކުރައްވައި، ދިވެހި ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ. ބައްދަލުވުން ނިންމަވާލެއްވީ، ދެ ޤައުމުގެ އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގައި ދެ ފަރާތުންވެސް ތައްޔާރަށް އޮތްކަން ފާހަގަކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ސަޢުދީގެ ވަފުދާއެކު ދިވެހިރާއްޖެ - ސަޢުދީ އިންވެސްޓްމަންޓާއި ގުޅޭ ވަށްމޭޒު ބައްދަލުވުމެއްވެސް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ސަރުކާރު އިދާރާތަކާއި އެކި ސިނާޢަތްތަކުގައި މަސައްކަތް ކުރާ މީހުން ބައިވެރިވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ސަޢުދީގެ ވަފުދު ރާއްޖެއަށް ކުރަމުންދާ މި ޒިޔާރަތާއެކު ދެ ޤައުމުގެ އިޤުތިޞާދީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތައް ދެނެގަތުމަށް ދޮރު ހުޅުވޭނެ ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.