ވެސްޓާން އޭޝިއާ ޔޫތު ޗެސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޖޫނިއަރ ގައުމީ ރާޒުވާ ޓީމު ވާދަކުރަން ތައްޔާރުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްވަމުން ޗެސް އެސޯސިއޭޝަންގެ ހަޒާންދާރު އަލީ ނޫހު ވިދާޅުވީ މި މުބާރާތުގައި ވާދަކުރާނީ ޖޫނިއަރ ގައުމީ ރާޒުވާ ޓީމުގެ ކޮންމެ ކެޓަގަރީއަކުން އެއްވަނަ ކުޅުންތެރިޔާ ކަމަށެވެ. ރާއްޖެއިން މި މުބާރާތުގައި ފަސް އުމުރުފުރާއަކުން ވާދަކުރުމަށް ހަމަޖެހިފައިވާއިރު، އެއީ 10 އަހަރުން ދަށާއި، 12 އަހަރުން ދަށާއި، 14 އަހަރުން ދަށާއި، 16 އަހަރުންދަށުގެ އިތުރުން 18 އަހަރުންދަށުގެ އުމުރުފުރައެވެ.
މިއީ މި މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ދެވަނަ ފަހަރެވެ. ފާއިތުވެދިޔަ އަހަރު މި މުބާރާތުގައި ވާދަކޮށް ރާއްޖޭގެ ޓީމުންވަނީ 3 ރިހި މެޑެއްޔާއި، 4 ލޯ މެޑަލް ހިމެނޭހެން ޖުމްލަ 7 މެޑެލް ގައުމަށް ހޯދަދީފައެވެ.
"މިފަހަރުވެސް އުންމީދަކީ ހަމަ މެޑަލްތަކެއް ގެނައުން. އެ އަޒުމުގައި މުބާރާތައް ތައްޔާރުވަމުން މިދަނީ" މުބާރާތައް ކުރާ އުންމީދުތަކާ ގުޅޭގޮތުން ނޫހު ވިދާޅުވިއެވެ.
މި މުބާރާތަށް ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، ސަރުކާރަށް ވަރަށް ޚާއްސަ ޝުކުރެއް އޭނާ އަދާކުރެއްވިއެވެ.
"ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ އެކީ މުބާރާތާ ކުރިމަތިލާން މިޖެހެނީ. ފައިސާގެ ދަތިތަކެއް ދިމާވި. އެހެން ނަމަވެސް ސަރުކާރުގެ ދީލަތި އެހީފުޅާއެކު އެކަންވަނީ ހަމަޖެހިފައި" "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނޫހު ފާހަގަކުރެއްވިއެވެ.
ވެސްޓާން އޭޝިއާ ޔޫތު ޗެސް ޗެމްޕިއަންޝިޕް ކުރިއަށްދާނީ މި މަހުގެ 20 އިން 29 އަށް ތަޖަކިސްތާނުގެ ޑުޝާންބުގައެވެ.