ބޭރު ގައުމެއްގެ ލައިސެންސް އޮންނަ ބިދޭސީންނަށް ރާއްޖޭގައި ވެހިކަލް ދުއްވުމަށް ހުއްދަދޭއިރު ޑްރައިވިންގ އިމްތިޙާނެއް ހަދަންޖެހޭގޮތަށް ބަދަލުގެނެސްފިއެވެ.
ރައީސުލްޖުމްހޫރިއްިޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ޤަވާއިދެއްގެ ދަށުން ބިދޭސީންގެ އަތުގައި އޮންނަ ބޭރު ގައުމެއްގެ ލައިސަންސަށް ހުއްދަ ދެމުންދިޔައީ ލުއި އުޞޫލެއްގެ ދަށުންކަމަށެވެ. އެ އުޞޫލުގެ ތެރެއިން މީގެ ކުރިން ލައިސެންސް ދޫކުރަމުން ދިޔައީ، ބިދޭސީ މީހާ އަތުގައި އޮންނަ އޭނާގެ ޤައުމުގެ ލައިސެންސްގެ މުއްދަތަށް ވުރެ ވެސް ދިގު މުއްދަތަކަށްކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
އެހެން ނަމަވެސް ވަޒީރު ވިދާޅުވީ މީގެ ފަހުން ބިދޭސީން އަތުގައި އޮންނަ ލައިސަންސަށް ރާއްޖޭގައި ދުއްވުމުގެ ހުއްދަ ދޫކުރެވޭނީ އެމީހާގެ އަތުގައި އޭރު އޮތް އެ ޤައުމެއްގެ ލައިސެންސްގައި އޮންނަ މުއްދަތަކަށްކަމަށެވެ. އަދި އެމީހުންގެ ލައިސަންސަށް ހުއްދަ ދޭނީ އާންމު އުސޫލުން ލައިސެންސް ހޯދަން އޮންނަ ޑްރައިވިން އެސެސްމަންޓް ފުރިހަމަ ކުރުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިސާލަކަށް ބިދޭސީ މީހާގެ އަތުގައި އޮތް ޕާސްޕޯޓްގެ ވެލިޑިޓޭޝަނަކީ ދެ މަސް ވިއަސް، އެއް އަހަރު ވިއަސް 10 އަހަރަށް ދިވެހި ލައިސެންސް އެބަ ދޫކުރެވޭ. މާލޭގައި ދަތުރުކުރަން އޮންނަނީ ކުދި ގޯޅިތަކެއް. ބޭރު ގައުމުތަކުގައި ދުއްވާއިރު ވިސްނަން ޖެހޭ އުކުޅުތަކާ ތަފާތު ވެދާނެ މާލޭގައި ދުއްވަން. އެހެންވެ އަޅުގަނޑުމެން ލައިސެންސް ދޭނީ އެހެން ދިވެހިންނެކޭ އެއްގޮތަށް ޑްރައިވިން އެސެސްމަންޓް ހެދީމަ" ދަތުރު ފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ވަނީ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ޤަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްޙަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ނިންމާފައިވެއެވެ. އެގޮތުން އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ނިންމި ލިސްޓުގައި 20 އަށްވުރެ ގިނަ ޤައުމެއް ހިމަނާފައި އޮތެވެ. އޭގެ ތެރޭގައި އަވައްޓެރި ބައެއް ޤައުމުތައްވެސް ހިމަނާފައިއޮތެވެ.