ސަޢުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުގެ އެހީގައި ރާއްޖޭގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ވަގުތަށް ނިންމުމަށާއި، ގުޅިގެން ކުރެވޭ އެފަދަ މަސައްކަތްތަކުން ރައްޔިތުންނަށް ފައިދާ ލިބިދޭފަދަ ނަތީޖާތަކެއް ނެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީއީއޯ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހަށް ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ، ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ޤަބޫލުފުޅުކުރެއްވީތީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދަށް މަރުޙަބާ ދަންނަވާފައެވެ. ދިވެހި ސަރުކާރުން މި ޝަރަފު އެ މަނިކުފާނަށް އަރުވާފައި މިވަނީ، އެ މަނިކުފާނުގެ އިސްނެންގެވުމުގެ ދަށުން ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ކުރިއެރުމަށް ކޮށްދެއްވާ މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ މުހިންމު ބައެއް މަޝްރޫޢުތަކުގެ ގޮތުގައި ފާހަގަކޮށްލެވޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމާއި ޞިއްޙީ ދާއިރާ އާއި ބޯހިޔާވަހިކަމުގެ ދާއިރާގެ ތަރައްޤީއަށް ދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މެދުގައި އޮތް ދޭދޭ ގުޅުންތައް ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން ދެބޭފުޅުން ފާޅުކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް ވަގުތަށް ނިންމުމަށާއި، ގުޅިގެން ކުރެވޭ މިފަދަ މަސައްކަތްތަކުން ރައްޔިތުންނަށް ފައިދާ ލިބިދޭފަދަ ނަތީޖާތަކެއް ނެރުމުގެ އުންމީދު އައުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މެހުމާނުން ސޮއިކުރާ ފޮތުގައި ސޮއިކުރައްވާފައެވެ.