ޚަބަރު

ބްރެންޓްފަޑް އާއި އާސެނަލް އެއްވަރު


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބްރެންޓްފަޑް އާއި އާސެނަލް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާއިރު ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގައި 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިކުރި އާސެނަލްއަށް ރޭގެ މެޗުގައި އެދެވޭ ކުޅުމެއް ދެއްކޭގޮތް ވަނީ ނުވެފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ކިއެރަން ޓިއާނީ ބޮލުން ޖަހާ ބްރެންޓްފަޑްގެ ގޯލަށް ބޯޅައެއް ފޮނުވާލި ނަމަވެސް، ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ. އަދި އޭގެ ފަހުން ލިއަންދްރޯ ޓްރޮސާޑް ފޮނުވާލި ހަމަލާ ބްރެންޓްފަޑްގެ ކީޕަރު މާކް ފްލެކަން ވަނީ ދިފާއުކޮށްފަ އެވެ.

މި މެޗުގެ 61 ވަނަ މިނިޓުގައި ޑެކްލަން ރައިސް ދިން ޕާހަކުން ތޯމަސް ޕާޓޭ ވަނީ ލަނޑެއް ޖަހާ އާސެނަލް އަށް ކުރި ހޯދަދީފަ އެވެ. ނަމަވެސް އޭގެ 13 މިނިޓު ފަހުން ބްރެންޓްފަޑްގެ ނަތަން ކޮލިންސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗު އެއްވަރުވުމާއެކު ލީގުގައި މިހާތަނަށް ކުޅުނު 32 މެޗުން އާސެނަލްއަށް ލިބިފައިވާ 63 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލްއަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 73 ޕޮއިންޓެވެ. އަދި މިއަދު ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ 13 ޕޮއިންޓުގެ ލީޑެއް ލިވަޕޫލްއަށް ލިބިގެންދާނެ އެވެ.