ކުޅިވަރު

ވޯލްޑް ކަޕް 64 ޓީމަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި


2030 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް 64 ޓީމުގެ މެދުގައި ބާއްވަން ރަސްމީކޮށް ދެކުނު އެމެރިކާ ބައްރުން ހުށަހަޅައިފިއެވެ.

މި މުބާރާތް ބާއްވަން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ނިންމާފައިވަނީ ސްޕޭނާއި މޮރޮކޯ އަދި ޕޯޗުގަލްގަ އެވެ. މުބާރާތް ހުޅުވަން ކުޅޭ މެޗުތައް ކުޅޭނީ އާޖެންޓީނާ އާއި އުރުގުއޭ އަދި ޕެރަގުއޭގަ އެވެ.

އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑްކަޕުގައި ފުރަތަމަ ފަހަރަށް 26 ޓިމު ކުޅޭނެ އެވެ. ނަމަވެސް މިއަދަދު 64 އަށް އިތުރުކުރަން ދެކުނު އެމެރިކާއިން ހުށަހެޅީ ވޯލްޑްކަޕް ކުޅެން ފެށިތާ 100 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނެވެ.

"މި ބަދަލުގެ ސަބަބުން ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ވޯލްޑްކަޕުގައި ބައިވެރިވެވޭނެ. އެއްވެސް ބަޔަކު ބާކީ ނުވާނެ. އަހަރުމެންނަށް ވިސްނޭ ގޮތުގައި 100 އަހަރު ފުރުން އެންމެން ބައިވެރިވާ ގޮތަށް ފާހަގަ ކުރަންވާނެ. މިއީ ވަރަށް ހާއްސަ އަދަދެއް،" ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އަލެހަންދްރޯ ޑޮމިންގުއޭޒް ވިދާޅުވި އެވެ.

މި ހިޔާލު އެންމެ ފުރަތަމަ ހުށަހެޅީ ފީފާ ކައުންސިލް ބައްދަލުވުމެއްގައި މާޗު މަހު އުރުގުއޭގެ ފުޓްބޯޅަ ފެޑަރޭޝަނުންނެވެ. އުރުގުއޭ އަކީ އެންމެ ފުރަތަމަ ވޯލްޑްކަޕް ބޭއްވި ގައުމެވެ. އަދި އެންމެ ފުރަތަމަ ވޯލްޑްކަޕުގެ ޗެމްޕިއަނެވެ.

މި ހިޔާލާ ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ މި ހުށަހެޅުމާމެދި ފީފާއިން ވަކި ގޮތެއް ނިންމާމީ ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށްފަހު ކަމަށެވެ. އޭނާ މިހެން ވިދާޅުވީ ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ކޮންގްރެސްގައި ބައިވެރިވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ނަމަވެސް މިކަމާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތައް ވަރަށް ގިނަ އެވެ. އެއް ބަޔަކީ ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ އެވެ. އެޖަމާއަތުގެ ރައީސް އެލެގެޒެންޑާ ސެފެރިން ވަނީ މި ހިޔާލަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފަ އެވެ. މީގެ އިތުރުން ތިމާވެއްޓާއި ސިއްހަތާ ބެހޭ ޖަމިއްޔާތަކުން ވެސް ވަނީ މިއީ ވަރަށް ބޮޑު ގޮންޖެހުމެއް އަދި ރައްކާތެރި ކަމެއްނޫން ކަމަށް ބުނެ ވާހަކަ ދައްކައިފަ އެވެ. ސަބަބަކީ ދުނިޔޭގެ އެކި ހިސާބުތަކުގެ މޫސުން ތަފާތު ވުމާއި ކުރު މުއްދަތެއްގައި އެކި ހިސާބުތަކަށް ދަތުރުކޮށް ވަރުގަދަ މެޗުތަކަށް ކުޅުމަކީ ސިއްހީ ގޮތުން ހަށިގަނޑަށް އެކަށޭނެ ކަމެއްނޫން ކަމަށް ބުނެ އެވެ.

އަންނަ މޭ މަހުގައި ޕެރަގުއޭގައި ބާއްވާ ފިފާ ކޮންގްރެންސްގައި މި ބަދަލަށް ވޯޓަށް އަހާނެ އެވެ. މި ގޮތަށް މުބާރާތް ބާއްވަން ފާސްވެއްޖެނަމަ ވޯލްޑްކަޕުގައި 128 މެޗު ކުޅެންޖެހޭނެ އެވެ.