ކުޅިވަރު

ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ބީން ހެކަރ މަރުވެއްޖެ


ރެއާލް މެޑްރިޑާއި ނެދަލަންޑްސް ކުރީގެ ގައުމީ ކޯޗު ލިއޯ ބީން ހެކަރ މަރުވެއްޖެއެވެ.

އުމުރުން 82 އަހަރުގައި މަރުވި ބީން ހެކަރ އަކީ ނެދަލޭންޑްސްގެ އުފަން އަދި އެ ގައުމުގެ އަޔެކްސް އާއި ފޭނޫޑަށް ވެސް ކާމިޔާބު ހޯދައިދިން ކޯޗެވެ. އޭނާ ވަނީ ސައުދީ އަރަބިއާގެ ގައުމީ ޓީމާއި ޓްރިނިޑާޑް އެންޑް ޓޮބާގޯ އާއި ޕޮލެންޑްގެ ގައުމީ ކޯޗުކަން ވެސް ކޮށްފަ އެވެ. 1965 ވަނަ އަހަރު ކޯޗުކަން ފެށި ބީން ހެކަރ އެންމެ ފަހުން މަސައްކަތް ކުރީ 2018 ވަނަ އަހަރު ނެދަލޭންޑްސްގެ ސްޕާޓާ ރޮޓަޑަމްގެ ޓެކްނިކަލް އެޑްވައިޒަރެއްގެ ގޮތުގަ އެވެ.

އޭނާ ވަނީ އަޔެކްސް އަށް 1980 އަދި އަދި 1990 ވަނަ އަހަރުގެ ލީގު ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އަދި އޭގެ ފަހުން 1999 ވަނަ އަހަރުގެ ލީގު ޗެމްޕިއަންކަން ފޭނޫޑަށް ކާމިޔާބުކޮށްދީފަ އެވެ.

އެކަމަކު އޭނާގެ އެންމެ ކާމިޔާބު ދުވަސްވަރަކީ ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން ދުވަސްވަރެވެ. އޭނާ ވަނީ 1986 އާއި 1989 އަދި 1992ގައި ރެއާލް އަށް ކޯޗުކޮށްދީ ތިން ފަހަރު ލީގު ޗެމްޕިއަންކަން އަދި އެއް ފަހަރު ކޮޕާ ޑެލްރޭ އަދި ސްޕެނިޝް ސުޕަ ކޕް ކާމިޔާބުކޮށްދީފަ އެވެ.

އޭނާ މަރުވުމުން ރެއާލް މެޑްރިޑުން ވަނީ ތައުޒިޔާ ކިޔައި ހާއްސަ މެސެޖެއް އެކުލަބުގެ ވެބްސައިޓުގައި އާއްމުކޮށްފަ އެވެ.