ފާއިތުވެދިޔަ ހަތަރު އަހަރުގެ އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މި ސީޒަނުގައި މާ ބޮޑަށް ދަށްވީ ކާމިޔާބު ހޯދަން ކުޅުންތެރިން ގަދަ އަޅައި މަސައްކަތް ނުކުރުމުން ކަމަށް މިޑްފީލްޑަރު އިލްކާއީ ގުންޑޮގާން ބުނެފި އެވެ.
ޖަރުމަނުގެ ތަޖުރިބާކާރު މިޑްފީލްޑަރަކީ ސިޓީގެ އެންމެ ކާމިޔާބު ކެޕްޓަނެވެ. އަދި އޭނާ އަކީ ސިޓީގެ އެންމެ ކާމިޔާބު ސީޒަން ކަމަށްވާ 2023 ވަނަ އަހަރަށް ފަހު ބާސެލޯނާ އަށް އެއް ސީޒަން ކުޅެދީފައި މި ސީޒަނުގައި އަނެއްކާވެސް ސިޓީއާ ގުޅުނު ކުރީގެ ކެޕްޓަން އެވެ.
އުމުރުން 34 އަހަރުގެ ގުންޑޮގާން ބުނީ އަށް އަހަރު ސިޓީ އަށް ކުޅެ، ފަހު ދެތިން އަހަރު ކެޕްޓަންކަން ކުރުމަށްފަހު އޭނާ ބާސެލޯނާ އަށް ދިޔައިރު އޮތް ޓީމަށްވުރެ މި ސީޒަން ފެށިއިރު އޮތް ސިޓީގެ ޓީމުގެ މަސައްކަތުގެ ރޭޓު ދަށް ކަމަށެވެ.
"ވަރަށް ގިނަ ކުޅުންތެރިން އިންޖަރީވި. ހާއްސަކޮށް (ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ) ރޮޑްރީ. އެކަމަކު އަހަރެން ދެކޭ ގޮތުގައި އެންމެ ބޮޑު މައްސަލައަކީ ކާމިޔާބު ހޯދަން ބޭނުންވެގެން އެކަމަށް ކުރެވުނު މަސައްކަތް މަދީ. ގަދަ އަޅައި މޮޅުވާން ކުރި މަސައްކަތް ދަށްކޮށް ދިޔައީ ކުޅުންތެރިންގެ ފަރާތުން. އަނެއްހެން ބުނާނަމަ ޓެކްޓިކްސް އަށް މަސައްކަތް ކުރުމަށްވުރެ ޕޮޒިޝަން ހިފަހައްޓައިގެން އެމީހަކު ހުރި ތަނެއްގައި ހުންނަތަން ފެނުނީ،" ގުންޑޮގާން ބުންޏެވެ.
ނަމަވެސް އޭނާ ބުނީ ޓީމަށް ގެނައި ބަދަލުތަކަށް ފަހު ހާއްސަކޮށް ޒުވާން ކުޅުންތެރިން ގެނައުމުން ސީޒަނުގެ ފަހު ބައިގައި ސިޓީގެ ފަރާތުން ގިނަ ކަންކަން ބަދަލުވެފައިވާ ކަމަށެވެ.
"ހާއްސަކޮށް އަހަރެން ބުނާނީ މާޗު މަހު ގައުމީ ޓީމުގެ މެޗުތަކަށް ފަހު ޓީމަށް ކުރިއެރުން ލިބިއްޖެކަމަށް. އޭގެ ހެއްކެއް އެފްއޭކަޕުގައި އަހަރުމެން ފަހަތުން އަރައި މެޗު ކާމިޔާބު ކުރުން. މިހާރު ޓީމުން އެބަފެނޭ ކުރިއެރުންތަކެއް،" ގުންޑޮގާން ބުންޏެވެ.
ސިޓީ އަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ އަމިއްލަ ބާރެއް މިހާރަކު ނެތެވެ. ނަމަވެސް އިނގިރޭސި ޕްރިމިއަރ ލީގުގައި ބާކީ އޮތް ހަތް މެޗުން މޮޅުވެ ކޯޗު ޕެޕް ގާޑިއޯލާ އުއްމީދު ކުރަނީ ސިޓީ އަނެއްކާ ވެސް ޔޫރަޕުގެ އެންމެ ވަރުގަދަ މުބާރާތުގައި ކުޅޭނެ ކަމަށެވެ.