ކުޅިވަރު

ކުނބުރުދޫގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތައް ނިންމަން ތައްޔާރުވެއްޖެ


  • ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ބޭނުންވާ ސާމާނު އެ ރަށަށް ވަނީ ފޮނުވާފައި

  • އޭގެތެރޭގައި ހިމެނެނީ ގޯލާއި، ލައިޓުގެ އިތުރުން ޓާރފް

އަރި އަތޮޅު ދެކުނުބުރީ ކުނބުރުދޫ ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު އެރަށަށް ފޮނުވައިފިކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ވިދާޅުވެއްޖެއެވެ.

އާރްޑީސީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އދ.ކުނބުރުދޫ ފުޓްބޯޅަ ދަނޑު އިތުރަށް ބޮޑުކޮށް، ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވާފައިވާކަމަށާ، މިހާރު ކުރިއަށްދަނީ އެތަކެތި ރަށަށް ބޭލުމުގެ މަސައްކަތްކަމަށެވެ.

ހުސްވި މާޗު މަހުގެ ފަހުކޮޅު ކުޅިވަރުގެ 77 މަޝްރޫއެއް ނިންމުމަށް ސަރުކާރުންވަނީ ތިން ކުންފުންޏަކާ ހަވާލުކޮށްފައެވެ. މީގެ ތެރެއިން އާރުޑީސީއާ ހަވާލުކޮށްފައިވަނީ 23 މަޝްރޫއެއްގެ މަސައްކަތެވެ. މިމަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ކުޅިވަރު ދަނޑުތަކާ، އައުޓްޑޯ ޖިމްތަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމާއި މަރާމާތުކުރުމުގެ މަސައްކަތްތަކެވެ.

ކުނބުރުދޫ ފުޓުބޯޅަ ދަނޑުގެ ތަރައްގީއަށް ބޭނުންވާ ސާމާނު އާރްޑީސީން ރަށަށް ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި ހިމެނެނީ ގޯލާއި، ލައިޓުގެ އިތުރުން ޓާރފްކަމަށް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކުނބުރުދޫ ކައުންސިލުގެ ރައީސް މުހަންމަދު އަޒުމީ ވިދާޅުވިއެވެ. އެރަށުގެ ފުޓުބޯޅަ ދަނޑުގައި ނުނިމިހުރި މަސައްކަތަށް އަލިއަޅުވާލަމުން އަޒްމީ ވިދާޅުވެފަވަނީ މިހާރު ކުރަންހުރި މަސައްކަތަކީ ދަނޑުގެ ސަބް ބޭސް ލެވެލްކުރުމާއި، ޓާފް އެޅުމުގެ އިތުރުން ކުލަލުމުގެ މަސައްކަތްކަމަށެވެ.

ކުނބުރުދޫ ދަނޑުގެ މަސައްކަތަކީ ނުނިމި ދިގުލާފާވާ މަސައްކަތެއްކަން ފާހަގަކުރައްވަމުން އަޒްމީ ވިދާޅުވީ ގާތްގަނޑަކަށް ދަނޑުގެ ހާލަތު މިފަދަ ގޮތަކަށް އޮންނަތާ ދިހަވަރަކަށް އަހަރުވެއްޖެކަމަށެވެ. މިކަމުގެ ސަބަބުން ރަށުގެ ޒުވާނުންނަށް ދަނޑު ބޭނުންނުކުރެވޭތީ އެކަމުގެ ކަންބޮޑުވުން އަޒްމީ ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުޅިވަރުގެ ނުނިމިހުރި މަޝްރޫޢުތައް ދެއަހަރު ދުވަހުގެ ތެރޭގައި ނިންމަން އަމާޒުހިފާފައިވާއިރު، ކުނބުރޫގެ ދަނޑުގެ މަސައްކަތް ގާތްގަނޑަކަށް ތިނެއް ނުވަތަ ހަތަރު ހަފްތާގެ ތެރޭގައި ނިމޭނެކަމަށް އާރްޑީސީން ބުނެފަވާކަމަށް އަޒްމީ ވަނީ ވިދާޅުވެފައެވެ.

ކުނބުރުދޫގެ ދަނޑަކީ ޒުވާނުންގެ ދުވަސްވީ އުންމީދެއްކަމަށާ، މިއީ ޒުވާނުންނަށް ލިބިގެންދާނެ ކުރިއެރުމެއްގެ ގޮތުގައި އަޒްމީ ސިފަކުރެއްވިއެވެ.

"ހަގީގަތުގައި މިއީ ޒުވާނުންގެ ބޮޑު އުންމީދެއް. ފުޓުބޯޅަ ކުޅެވޭނެ ގޮތެއްނެތި ރަށުގެ ޒުވާނުން ތިބޭތާ ދިހަވަރަކަށް އަހަރުވެއްޖެ" ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އަޒްމީ ވިދާޅުވިއެވެ.

ކުޅިވަރާ ގުޅުންހުރި 77 މަޝްރޫއެއްގެ މަސައްކަތް ސަރުކާރުން ތިން ކުންފުންޏަކާ ހަވާލުކުރައްވާފަވާއިރު، މިމަސައްކަތަށް 204.5 މިލިޔަން ރުފިޔާ ހޭދަވާނެކަމަށްވަނީ އަންދާޒާކޮށްފައެވެ.