ކުޅިވަރު

ވީއޭއެމް ކަޕް: ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އަތުން ހުރާއަށް ފަސޭހަ މޮޅެއް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2025 ގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންއާ ދެކޮޅަށް ކުޅުނު މެޗުން ފަސޭހަކަމާއެކު ހުރާ ކޮމިއުނިޓީ ކުލަބު މޮޅުވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުން ހުރާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ހުރާއިން ގެންދިޔައީ 25-12، 25-11 އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހުރާ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ރަޝިއާއަށް ނިސްބަތްވާ ވެރޯނިކާ ޒުބަރޭވާއެވެ.

މި އަހަރު ވީއޭއެމް ކަޕް ކުރިއަށްދަނީ ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނޭ ގޮތަށެވެ. އެ ގޮތުން މުބާރާތުގައި ޕޫލް އޭގައި ހިމެނެނީ ހުރާ އާއި، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން ޕޮލިސް ކުލަބާއި، ޖީޖީ ސްޕޯޓްސް އެކެޑަމީއެވެ. އަދި ޕޫލް ބީގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ އާއި، އަދިގަ ސްޕޯޓްސް ކުލަބާއި، ފްލެކްސަރ ސްޕޯޓްސް ކުލަބު އަދި ސިޓީ ފްރެންޑްސް ކުލަބެވެ،

ވީއޭއެމް ކަޕް ނިމުމުން ރާއްޖޭގެ ގައުމީ ވޮލީ ލީގަށް ކޮލިފައިވާ ޓީމުތައް އެނގިގެންދާނެއެވެ. އެގޮތުން ވީއޭއެމް ކަޕުގައި ކުޅޭ 8 ޓީމުގެ ތެރެއިން އެންމެ މޮޅު 6 ޓީމު ގައުމީ ލީގަށް ކޮލިފައިވާނެއެވެ. ގައުމީ ވޮލީ ލީގަށްފަހު ދެން އޮންނާނީ ގައުމީ މުބާރާތެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަހަރު ފިރިހެން އަދި އަންހެން ލީގު ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ވަކިވަކިންނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށްދަނީ އަންހެން މުބާރާތްތަކެވެ.