 
										
			ލިވަޕޫލް އާއެކު މުހައްމަދު ސަލާހު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އޭނާގެ އެއްބަސްވުން އައުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 
މިސްރަށް އުފަން ސަލާ މީގެ ކުރިން ބުނެފައިވަނީ އޭނާގެ އެގްރިމެންޓް އައު ކުރުމުގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި އަދި މި ސީޒަނަށްފަހު އޭނާ ލިވަޕޫލް އިން ފެނުމާއިމެދު ސުވާލު އުފެދޭ ކަމަށެވެ. 
ނަމަވެސް އިތުބާރު ހުރި މަސްދަރުތަކާއި ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށާއި އަދި މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށެވެ. 
2017 ވަނަ އަހަރުގެ ހޫނު މޫސުމުގައި ލިވަޕޫލް އާއި ގުޅުނު ސަލާ ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ލިވަޕޫލް އިން ހޯދި ކާމިޔާބީގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އަދި މި ސީޒަނުގައި ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު ބޮޑު ތަފާތަކާއެކު ލިވަޕޫލް އޮތްއިރު ސަލާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. 
ސަލާ ހޯދުމަށް ސައުދި އަރަބިއްޔާގެ ކްލަބްތަކުން މަސައްކަތް ކުރަމުންދާކަމަށް މީގެ ކުރިން މީޑިޔާ ރިޕޯޓްތައް ބުނި ނަމަވެސް މިހާރު ކުރިއަށްދާ މަޝްވަރާ ތަކާއިއެކު އޭނާ ކުރިއަށް އޮތް ސީޒަނުގައިވެސް ލިވަޕޫލް އިން ފެނުމުގެ ފުރުސަތު ބޮޑުކަމަށް ވަނީ ބެލެވިފަ އެވެ. 
ސަލާ އާއިއެކު ހަދާފައިވާ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ލިވަޕޫލް އިން ކުރަމުންދާއިރު މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓްގެ މުއްދަތު ހަމަވާ ވެންޑައިކް ވެސް ވަނީ ދާދި ފަހުން މަޝްވަރާތައް ކުރިއަށްދާކަމަށް ބުނެފަ އެވެ. 
ނަމަވެސް މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓްގެ މުއްދަތު ހަމަވާ އެލެކްޒެންޑަރ އާނޯލްޑް ކުރިއަށް އޮތް ސީޒަނުގައި ލިވަޕޫލް އިން ފެނުމާއިމެދު ވަނީ ސުވާލު އުފެދިފަ އެވެ. އޭނާ ހޯދުމަށް ސްޕެއިންގެ ގަދަބާރު, ރެއާލް މެޑްރިޑް އިން ދަނީ މަސައްކަތް ކުރަމުންނެވެ.