ސިއްހަތު

ލެބޯޓްރީ ހުރި ހުރިހާ ހޮސްޕިޓަލަކުން ޑެންގީއަށް ޓެސްޓް ކުރެވޭނެ


ލެބޯޓްރީ ޤާއިމް ކުރައްވާފައިވާ ހުރިހައި ހޮސްޕިޓަލެއްގައި މިހާރު ޑެންގީއަށް ތަޙްލީލް ކުރުމުގެ އިންތިޒާމް ހަމަޖައްސަވާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވެއްޖެއެވެ.

އެއޭޖެންސީން މިހެން ވިދާޅުވީ، ޑެންގީގެ މިހާރުގެ ޙާލަތު ހާމަކުރެއްވުމަށް މީޑިއާއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

ކޮންމެ އަހަރެއްގެވެސް ވިއްސާރަ މޫސުމާ ދިމާކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޑެންގީ ހުން ފެތުރެއެވެ. މިއަހަރުވެސް މޭ މަހުން ފެށިގެން ރާއްޖޭގައި ޑެންގީ ހުން ފެތުރެން ފަށާފައިވާއިރު މިހާތަނަށް ޖުމްލަ 1294 މީހަކަށް ޑެންގީ ހުންޖެހިފައިވެއެވެ. އަތޮޅުތެރެއިން 867 މީހަކަށް ޑެންގީ ހުންޖެހިގެން ރިޕޯޓްކޮށްފައިވާއިރު، މާލެ ޞަރަޙައްދުން 427 މީހުންނަށް ޑެންގީ ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. އަދި ޑެންގީ ހުމަށް ފަރުވާދެމުންދަނިކޮށް 4 މީހުން މަރުވެފައިވާއިރު، މީގެއިން 3 މީހުން މަރުވެފައިވަނީ ސީދާ ޑެންގީ ހުމުގައި ކަން މިހާރު ވަނީ ކަށަވަރުވެފައެވެ. އަދި ހަތަރު ވަނަ މީހާ މަރުވީ ޑެންގީ ހުމުގައިތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެޗް.ޕީ.އޭ އިން ވިދާޅުވެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެޗް.ޕީ.އޭއިން ވިދާޅުވީ، މިހާރު މީގެ ކުރީ ތިންމަހާ އަޅާ ބަލާއިރު ޑެންގީ ހުން ފެތުރޭ މިންވަރު މަދުވެފައިވާކަމަށެވެ. އެހެންނަމަވެސް ހއ. އިހަވަންދޫއާއި، ލ.އިސްދޫއާއި، މާލެއާއި ހުޅުމާލޭގައި އަދިވެސް ޑެންގީ ހުން ފެތުރެމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެހެންކަމުން އެންމެ އިސްކަމެއްދެއްވަނީ ފަރުވާ ދެއްވާ ޑޮކްޓަރުންނަށް ކަމާބެހޭ އެންމެ ފަހުގެ ފަންނީ މައްލޫމާތު ހިއްސާ ކުރުމާއި، ފަރުވާ ދިނުމުގެ ގޮތްތައް މުރާޖަޢާކުރައްވައި، ޚާއްޞަ ހާލަތްތަކުގައި ޢަމަލުކުރާނޭ ގޮތް ދަސްކޮށްދެއްވުން ކަމަށެވެ. ހަމަ އެއާއެކު އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގައި ޑެންގީއަށް ފަރުވާދެވޭނޭ އިންތިޒާމް ހަމަޖައްސެވުމަށް ކަމަށެވެ. އެގޮތުން ލެބޯޓަރީތައް ޤާއިމްކުރައްވާފައި ހުރި ހުރިހައި އަތޮޅު ހޮސްޕިޓަލްތަކުގައި ޑެންގީއަށް ތަޙްލީލު ކުރެއްވުމުގެ އިންތިޒާމް ހަމަޖައްސަވާފައިވާކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. އަދި ލެބޯޓްރީ ޤާއިމްވެފައިނެތް އަތޮޅަކުން މީހަކު ޑެންގީއަށް ޝައްކު ކުރެވިއްޖެނަމަ، ލެބޯޓަރީ ޤާއިމްކުރެވިފައި ހުރި، އެންމެ ކައިރި ހޮސްޕިޓަލަކުން އެމީހަކަށް ޑެންގީއަށް ތަޙްލީލް ކުރުމުގެ ފުރުޞަތުވެސް ހަމަޖައްސަވާފައިވާކަމަށް ހެލްތް މިނިސްޓްރީގެ ޑިރެކްޓަރ މުޙައްމަދު މީޒާން ވިދާޅުވިއެވެ.

އެޗް.ޕީ.އޭ އިން ވިދާޅުވީ، ޑެންގީއަކީ މިހާތަނަށް އެއްވެސް ފަރުވާއެއް އަދި ވެކްސިނެއް ހޯދިފައިނުވާ ހުމަކަށް ވީއިރު، ދުރާލާ ރައްކާތެރި ވުމުގެ ފިޔަވަޅު އެޅުމަކީ އެގޭ އެންމެ ބުއްދިވެރިގޮތް ކަމަށެވެ. އެގޮތުން ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ ނަގައި، މަދިރި އާލާވާ ތަންތަން ނައްތާލުމަށް މަސައްކަތް ކުރުމަށް އެއެޖެންސީން އިލްތިމާސް ކުރައްވައެވެ. އަދި ހުން އައުމުން ޑޮކްޓަރެއްގެ ނުވަތަ ޞިއްޙީ އެހީތެރިއެއްގެ ލަފަޔާ ނުލާ އެއްވެސް ބާވަތެއްގެ ޑޮކްޓަރީ ބޭހެއް ބޭނުން ނުކުރުމަށްވެސް އެއެޖެންސީން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އެމީހެއްގެ ރަށުގައި ނުވަތަ ދިރުއުޅޭ ތަނަކުން މީހަކަށް ޑެންގީހުން ޖެހިއްޖެނަމަ، އެކަމާއި ކަންބޮޑުނުވެ، އަމިއްލަ ގޮތްތައް ޚިޔާރު ކުރުމުގެ ބަދަލުގައި ޞިއްހީ މާހިރެއްގެ ލަފާ ހޯއްދެވުމަށް ވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ އިލްތިމާސް ކުރައްވާފައެވެ.