ކުޅިވަރު

މިނިވަން ދުވަހު މިނިވަން ކަޕް ފަށަން ނިންމައިފި


އަތޮޅު ފުޓްބޯޅަ މުބާރާތް، މިނިވަން ދުވަހު މިނިވަންކަޕްގެ ނަމުގައި ތިމަރަފުށީގައި ފަށަން ނިންމައިފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެފް.އޭ.އެމްގެ ރައީސް އަޙުމަދު ތޯރިގް ވިދާޅުވީ ހަތްދިހަ ފަސް ޓީމް ވާދަކުރާ މިފަހަރުގެ މުބާރާތް ކުރީ އަހަރަށްވުރެ ރަނގަޅު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމްތަކަށް ދިމާވި ގިނަ އުނދަގޫތަކެއް މިއަހަރުގެ މުބާރާތާއެކު ހައްލުކުރަން އެފް.އޭ.އެމްއިން މަސައްކަތްކުރާނެ ކަމަށް ތާރިޤު ވިދާޅުވިއެވެ. އެގޮތުން ކުރިން ކޮންމެ ރަށެއް ކޮންމެ ރަށަކާ ހޯމް އެންޑް އަވޭ އުސޫލުން ކުޅުނު އިރު މި އަހަރު ކޮންމެ އަތޮޅެއްގައިވެސް މުބާރާތް  ކުރިޔަށް ދާނީ އެއް ރަށެއްގައެވެ. އެއީ ދެ ޓީމަށްވުރެ ގިނައިން ވާދަކުރާނަމައެވެ. ދެ ޓީމް ވާދަކުރާ އަތޮޅުތަކުން ހޯމް އެންޑް އަވޭ އުސޫލުން ކުޅޭނެއެވެ.

މުބާރާތުގެ ފުރަތަމަ ބުރު މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭއިރު ފައިނަލް ބުރު ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެކަމަށް އެފް.އޭ.އެމްއިން ލަފާ ކުރައްވައެވެ.

ކުރީ އަހަރު މުބާރާތުގައި ކުޅުނު ކުޅުންތެރިން ރަނގަޅަށް ފާހަގަކުރެވިފައިނުވިނަމަވެސް މި އަހަރު ކޮންމެ މެޗެއްވެސް އެފް.އޭ.އެމްގެ ބޭފުޅުން ބައްލަވައި ހުނަރު ހުރި ކުޅުންތެރިން ފާހަގަކުރާނެކަމަށް ތޯރިގް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަށް މިއަހަރުގެ ޤައުމީ މުބާރާތުން ޖާގަދޭގޮތަށް އެފް.އޭ.އެމްއިން ނިންމާފައިވާ ނިންމުން އެގޮތަށް ބާއްވާނެކަމަށާއި، އެހެންނަމަވެސް މިއަހަރުގެ ޗެމްޕިއަނުންނަށް އަންނަ އަހަރުގެ ޤައުމީ މުބާރާތުން ޖާގަދޭން އަދި ނުނިންމަވާކަމަށް ތޯރިގް މަޢުލޫމާތުދެއްވިއެވެ.

*