އާސެނަލް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް މި ނަތީޖާ ބަދަލުކޮށްލެވޭނެ ބަޔަކީ ރެއާލް މެޑްރިޑް ކަމަށް އެ ކުލަބުގެ ކުޅުންތެރިން ބުނަން ފަށައިފިއެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމުގައި ކުޅުނު މެޗަށް ފަހު ނަތީޖާ ކަނޑައަޅަން މި ދެ ޓީމު ކުޅޭ މެޗު އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު ރެއާލް މެޑްރިޑްގެ ދަނޑުގައެވެ.
"އަހަރުމެންނަށް ނަތީޖާ އަނބުރާ ލެވިދާނެ. އަހަރުމެން އެކަން ގަބޫލުކޮށްގެން ތިބެންވާނީ ކުރިއަށް މެޗު ނިމެންދެން،" ރޭގެ މެޗަށް ފަހު ރެއާލްގެ ފޯވަޑް ކީލިއަން އެމްބާޕޭ ބުންޏެވެ.
އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމަ ބުނީ ތިން ލަނޑުގެ ފަރަގަކީ އުނދަގޫ ނަތީޖާއެއް ކަމަށެވެ. ނަމަވެސް އަމިއްލަ ދަނޑުގައި އެކަން ކުރެވިދާނެ ކަމަށެވެ.
"އާސެނަލް ވަރަށް މޮޅު. ތިން ލަނޑުގެ ނަތީޖާ އަކީ އުނދަގޫ ނަތީޖާއެއް ބަދަލު ކުރަން. އެކަމަކު މިކަން ކުރެވޭނެ ނަމަ އެތަނަކަށް ވާނީ އަހަރުމެންގެ ގެ. އަހަރުމެން މަސައްކަތް ކުރާނަން،" ބެލިންހަމް ބުންޏެވެ.
ރެއާލްގެ ޑިފެންޑަރު ރައުލް އަސެންސިއޯ ބުނީ އަމިއްލަ ދަނޑުގައި ކުޅެން ޖެހޭ މެޗުގައި ނަތީޖާ އަނބުރާ ލެވިދާނެ ކަމަށެވެ.
"މި މެޗު އަދި ނުނިމޭ. އަދި އެއް މެޗު ކުޅެން އެބައޮތް. އަހަރުމެން މި ވިސްނަނީ އެ މެޗުގައި ނަތީޖާ ބަދަލުކުރަން،" އަސެންސިއޯ ބުންޏެވެ.
އަދި ޑިފެންޑަރު ލޫކަސް ވަޒްކުއޭޒްގެ ބަސް މަގުވެސް ހުރީ މި ފަދަ ގޮތަކަށެވެ.
"ޓީމެއް 3-0އިން ބަލިވެފައި އޮއްވާ މި ނަތީޖާ އަނބުރާލެވޭނެ ބަޔަކު ތިބިއްޔާ އެ ބަޔަކަށްވާނީ ރެއާލް މެޑްރިޑް،" ވަޒްކުއޭޒް ބުންޏެވެ.
މި މެޗުގައި އާސެނަލްގެ ފުރަތަމަ ދެ ލަނޑު ޖެހި ޑެކްލަން ރައިސް ވެސް ބުނީ މެޗުގައި ލީޑް ލިބުމުން އާސެނަލްއަށް އިތުބާރު ލިބުނަސް ރެއާލް ގެ ވަކިވަކި ކުޅުންތެރިންގެ ފެންވަރު މޮޅު ކަމަށެވެ.
"އޭގެ ސަބަބުން އަހަރުމެންނަށް މެޗު އުނދަގޫވި. ގޯލު ޖެހުނަސް ވަކިވަކި ކުޅުންތެރިންގެ މޮޅުކަން އަހަރުމެންނަށް ފެނުނު. އެއީ ވަރަށް ބޮޑު ތަފާތެއް،" ރައިސް ބުންޏެވެ.
ރެއާލްގެ ކޯޗު ކާލޯ އެންޗެލޯޓީ މެޗަށް ފަހު ބުނީ އަމިއްލަ ދަނޑުގައި ކުޅެން ނުކުންނައިރު މިފަދަ ނަތީޖާއެއް އަނބުރާލުމަކީ ފަސޭހަ ކަމަކަށްނުވާނެ ކަމަށެވެ.
"އެކަމަކު ވެސް އަހަރުމެން މަސައްކަތް ކުރާނަން. އަހަރުމެންނަށް އޮތް ފުރުސަތު ހަނި. އެކަމަކު އެންމެ ފަހު ވަގުތާ ހަމައަށް ވެސް އަހަރުމެން މޮޅުވާން މަސައްކަތް ކުރާނަން،" އެންޗެލޯޓީ ބުންޏެވެ.
ރެއާލް މެޑްރިޑަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ޖުމުލަ 15 ފަހަރު އެ ޓީމުން ތަށި ހޯދާފައިވާއިރު އަމިއްލަ ދަނޑުގައި ނަތީޖާ ނެރުމަކީ އެ ޓީމުގެ ވަރަށް ގިނައިން ކޮށްފައިވާ ކަމެކެވެ. މިއާ ހިލާފަށް އާސެނަލްއަށް މި މުބާރާތުގައި އެންމެ ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަކީ 2005 ވަނަ އަހަރު ފައިނަލް ކުޅުމެވެ.