އޭސީ މިލާނުގެ ޑިފެންޑަރު ކައިލް ވޯކާގެ އަތަށް ލިބުނު އަނިޔާއަކާ ގުޅިގެން އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް އެ ޓީމުން ބުނެފިއެވެ. އޭނާގެ އަނިޔާއާ ގުޅިގެން އޭސީ މިލާނުން ބުނެފަވަނީ ވޯކާގެ ކަނާއަތު އުޅަނބޮއްޓަށް އަނިޔާވެ، ރެނދެއް ލުމުގެ ސަބަބުން އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގެ ކަންތައް ދިޔައީ ރަނގަޅަށް ކަމަށާއި، އެހެންނަމަވެސް އޮޕަރޭޝަނަށްފަހު އޭނާ އަލުން ކުޅުމާ ގުޅޭނެ ވަކި ތާރީޚެއް ބުނަން އަދި މާ އަވަސްކަމަށް އިޓާލިއަން ލީގުގެ ކުލަބުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. އޮޕަރޭޝަނަށްފަހު ވީހާވެސް އަވަހަކަށް ވޯކާ ރިހެބިލިޓޭޝަން ފަށާނެކަމަށްވެސް އެޓީމުގެ ބަޔާނުގައި ވެއެވެ.
މެންޗެސްޓަރ ސިޓީގެ ކުރީގެ ކެޕްޓަން ވޯކާ އޭސީ މިލާނާ މިއަހަރުގެ ޖެނުއަރީ މަހު ގުޅިފަވަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އުމުރުން 34 އަހަރުގެ އިނގިރޭސި ޑިފެންޑަރު ދާއިމީކުރުމުގެ ފުރުސަތުވެސް އޭސީ މިލާނަށްވަނީ ހުޅުވިފައެވެ. އަދި ވޯކާ އޭސީ މިލާނާ ގުޅުމަށްފަހު މިވީ ދުވަސްކޮޅުގެ ތެރޭގައި އޭނާވަނީ 12 މެޗު ޓީމަށް ކުޅެދީފައެވެ.
ވޯކަރއަށް އަނިޔާވެފައި މިވަނީ ހޫނު މޫސުމުގަ އެނބުރި މެންޗެސްޓަރ ސިޓީއާ ގުޅުމުގެ ފުރުސަތު ހުޅުވިފައިވަނިކޮށެވެ. ސިޓީން ބުނެފަވަނީ އަދިވެސް އޭނާއަށް ޓީމުން ފުރުސަތު ދޭން ބޭނުންވާކަމަށާ، އެނބުރި އެޓީމަށް އައުމަށް އަދިވެސް ދޮރު ހުރީ ހުޅުވިފައި ކަމަށެވެ.
ބީބީސީ ޕޮޑްކާސްޓް " ޔޫ ވިލް ނެވަރ ބީޓް ކައިލް ވޯކާރ" ގައި ދާދިފަހުން ވާހަކަދައްކަމުން ވޯކާ ވަނީ ސިޓީގައި ހޭދަކުރި ދުވަސްތަކުގެ ހަނދާން އައުކޮށް އޭނާ ޓީމުން ވަކިވި ދުވަހު ގިނަ ބަޔަކު ހިތާމަކުރިކަމަށް ބުނެފައެވެ. އަދި ޓީމަށް ރަސްމީކޮށް އަލްވަދާއުކީ ވަގުތު ކޯޗު ޕެޕް ގާޑިއޯލާ އޭނާއަށް ހިތްވަރުދިން ކަމަށްވެސް ބުންޏެވެ. މިގޮތުން އޭނާ ޓީމަށް ކޮށްދިން ކަންކަމަށް ގާޑިއޯލާ ޝުކުރު އަދާކުރިކަމަށްވެސް ވޯކާ ވަނީ ފާހަގަކޮށްފައެވެ. ޓީމާ ވަކިވުމުގެ ކުރިން އޭނާ އަދި އެނބުރި ސިޓީގެ ކުޅުންތެރިއެއްގެ ގޮތުގައި އަންނާނެކަމުގެ ޔަގީންކަން ކޯޗަށް ދީފައިވާނެކަމަށް ބުނަމުން އޭނާ ބުނީ އޭނާ އޭސީ މިލާނާ ގުޅެނީ ލޯން އެއްބަސްވުމެއްގެ ދަށުންކަމަށް ގާޑިއޯލާ ގާތު ބުނެފައިވާނެކަމަށެވެ.
އަދި ސިޓީއަށް އަލުން ބަދަލުވެ، އަނެއްކާވެސް ޓީމާ އެކު މަސައްކަތް ކުރުމުގެ ޝައުގު އެބަހުރިކަމަށް ބުނަމުން އޭނާ ވަނީ ސީޒަން ނިމުމުގެ ކުރިން މިކަމަށް ގޮތެއް ނިންމަން ދެ ޓީމު އެއްބަސްވުމަކަށް އަންނަން ޖެހޭނެކަމަށް ހާމަކޮށްފައެވެ.
"ހިނގާ ބަލަމާ ވާގޮތެއް. އަދިވެސް ފުރުސަތު އޮތީ ހުޅުވިފަ" ބީބީސީގެ ޕޮޑްކާސްޓުގައި ވާހަކަދައްކަމުން ވޯކަރ ބުނެފައިވެއެވެ.
ކައިލް ވޯކާ މިހާރު ކުޅެމުންދާ އޭސީ މިލާނު މިވަގުތު އޮތީ އިޓާލިއަން ލީގުގެ ނުވަވަނައިގައެވެ. ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އެޓީމުންވަނީ އިންޓަ މިލާނާ ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެފަވާއިރު، މި ދެޓީމު ބައްދަލުކުރަން ހަމަޖެހިފައިވާ ސެމީފައިނަލުގެ ދެވަނަ މެޗު ތާވަލުކޮށްފަވަނީ އޭޕްރިލްމަހުގެ 23 ވަނަ ދުވަހަށެވެ.